ކޮވިޑް-19ގެ މި ހާލަތުގައި އީދު ހަރަކާތްތައް ބާއްވާއިރު، ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭއިން މީގެ އިރުކޮޅެއް ކުރިން ނެރުނު އެންގުމެއްގައި ވަނީ ކޮވިޑް ފެތުރުމުގެ ހާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ހިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި ވަކި ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

- ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން) ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.

- މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުން.

- ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން. އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން.

- ކުޅިވަރު މުބާރާތްތައް ނުބޭއްވުން. - ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ާޕރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުން

- ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން.
އަދި ޓެސްޓުކުރުމަށް ސުންކުލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން

- ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުޞޫލުތަކަށް ފުރިހަމައަށް އަމަލުކުރުން

އެޗްޕީއޭއިން ވަނީ ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން މިފަދަ އިލްތިމާސްތަކެއްކޮށްފައި ވަނީ އެ ބައްޔަށް ފައްސިވާ އަދަދުތައް ދަށްވުމާއި ގުޅިގެން ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއިތައް ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަވެސް ދީފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    މާމޮޅު އެޗްޕީއޭއެއްގެ އެންމެ ދެތިން މީހެއްގެ ރައުޔަށް ދިވެހިރާއްޖޭގެ ހުރިހާ ވިޔަފާރިއެއް އިނދަޖައްސައި ރައްޔިތުން ބިކަކޮށް ދޮޅުއަހަރަށްވުރެން ގިނަ ދުވަސްވީއިރު ކޮންމެއްތޯ ހާސިލްވީ. މިގޮތަށް އިޖްތިމާޢީ ގޮތުން މީހުން ދުރުކޮށް އެތައް ބަޔަކު ބަނޑަށް ޖެއްސި އިރު މިކަން ކުރީ ރަނގަޅަށް ނޫންކަން މިހާތަނަށް ނިކުތް ނަތީޖާތަކުން ފެނެއެވެ. ވީމާ، ގައުމީ މިފަދަ ބޮޑު ކަމެއްގައި އިގްތިސާސީ މާހިރުންނާއި އާއްމުންނާއި ސިޔާސީ ވެރިންގެ ބަސް ހޯދައިގެން މީ އާއްމު ރޯގާއެއްކަން ކަނޑައަޅައި ކޮވިޑާއެކު ދިރިއުޅެން ދަސްކުރަން އެބަޖެހެއެވެ.