ހެއިޓީގެ ރައީސް ޖޮވެނައިލް މޮއިސް އަވަހާރަކޮށްލުމުގެ އޮޕަރޭޝަން ރާވައި، އެކަމަށް ބޭނުންވާ މީހުން ހޯދައި، އެމީހުންނަށް ފަންޑް ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޮއިސް އަވަހާރަކޮށްލި މައްސަލައިގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވެނީ ހެއިޓީ އާއި އެމެރިކާގެ ރައްވެހިކަން ވެސް އޮންނަ ޑޮކްޓަރެއް ކަމަށްވާ ކްރިސްޓިއަން އެމަނުއެލް ސެނޮންގެ މައްޗަށެވެ. އެމެރިކާގެ ފްލޮއިޑާގައި ވިއްސަކަށް އަހަރު ދިރިއުޅުނު ސެނޮން ހައްޔަރު ކުރީ ހެއިޓީގައި ހުއްޓައެވެ.

މޮއިސް އަވަހާރަކޮށްލި މައްސަލައިގައި ހައްޔަރުކުރި އެމެރިކާ މީހުންގެ އަދަދު މިހާރު ވަނީ ތިނަކަށް އަރާފައެވެ. މީގެ ކުރިން ހައްޔަރު ކުރި ބައެއް މީހުން ތަހްގީގަށް ކިޔައި ދީފައިވާ ގޮތުގައި ހައްޔަރުކުރި ޑޮކްޓަރު ސެނޮންގެ މަގުސަދަކަށް ވެފައި އޮތީ ރައީސް މޮއިސް ވެރިކަމުން ދުރުކުރުމަށް ފަހު ހެއިޓީގެ ވެރިކަމާއި ހަވާލުވުމެވެ. މޮއިސް އަވަހާރަކޮށްލުމަކީ އެމީހުންގެ އޮޕަރޭޝާންގައި ރާވާފައި އޮތްކަމެއް ނޫން ކަމަށް ވެސް ތަހްގީގުގައި ބައެއް މީހުން ވަނީ ބުނެފައެވެ.

މޮއިސް އަވަހާރަކޮށްލުމުގައި ގިނަ އަދަދެއްގެ ކޮލަމްބިއާ މީހުން ވެސް ބައިވެރިވެއެވެ. ހެއިޓީ ފުލުހުން ބުނާ ގޮތުގައި މޮއިސް އަވަހާރަކޮށްލުމުގައި ބައިވެރިވި ކޮލަމްބިއާ މީހުން ހޯދާ އެމީހުންނާއި މަސައްކަތް ހަވާލު ކުރީ ވެސް މިހާރު ހައްޔަރު ކޮށްފައިވާ ޑޮކްޓަރު ސެނޮން އެވެ.

ސެނޮންގެ ވަރަށް ގިނަ ވިޔަފާރިތައް އެމެރިކާގެ ފްލޮރިޑާގައި ރަޖިސްޓްރީ ކޮށްފައި ވެއެވެ. އޭގެތެރޭގައި ސިއްހީ ހިދުމަތް ދޭ ވިޔަފާރިތަކުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރިތައް ވެސް ހިމެނެއެވެ. ނަމަވެސް ރަޖިސްޓްރީ ކޮށްފައިވާ ގިނަ ވިޔަފާރިތަކުން މިހާރު ވިޔަފާރި ކުރިއަށް ނުގެންދާ ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ.

ކެރީބިއަންގައި އޮންނަ ގައުމެއް ކަމަށްވާ ހެއިޓީއަކީ 11.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ހެއިޓީއަކީ އެމެރިކާ ބައްރަށް ނިސްބަތްވާ އެންމެ ފަގީރު އެއްގައުމެވެ. ގައުމުގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށެވެ. ކޮވިޑާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި ވާތީ އިހްތިސޯދީ ހާލަތު ވަނީ ކުރިއަށްވުރެ ވެސް ދަށަށް ގޮސްފައެވެ.