ކިއުބާގެ އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ.

އާދިއްތަ ދުވަހު ފެށި މުޒާހަރާތައް ކުރިޔަށް ދަނީ ހަވާނާގެ ދެކުނުން ހުޅަނގަށް އޮންނަ 50،000 މީހުން ދިރިއުޅޭ ސެން އެންޓާނިއޯ ޑި ލޮސް ބަނޯސް ޓައުންގައެވެ. އެ ސަރަހައްދުގެ މަގުތަކަށް އާންމުން އެއްވެ އެ ގައުމުގެ ރައީސް މިގުއެލް ޑިއޭޒްކެނަލް އަކީ ހުދުމުހުތާރު ވެރިޔެއް ކަަމަށާއި ރައްޔިތުން ބޭނުންވަނީ މިނިވަންކަން ކަމަށް ބުނެ ރައީސް އިސްތިއުފާ ދިނުމަށް ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އެންމެ އަޑު ހަރުކޮށް ގޮވެލިތައް ގޮވަމުންދަނީ ޒުވާނުންކަން ބޭރުގެ މީޑިއާތަކުން ފާހަގަ ކޮށްފައިވެއެވެ.

އެގައުމުގެ އިގްތިސާދީ ހާލަތު ވަނީ ކޮވިޑާ ގުޅިގެން ދަށަށް ގޮސްފައެވެ. ވޭދަނަތައް އިތުރުވެ، ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ރިކޯޑު އަދަދަކަށް އިތުރުވަމުންނެވެ.

ކިއުބާގެ ރައްޔިތުން ރަތައް އަރައި މުޒާހަރާކުރަމުންދަނީ ކޮވިޑް ވޭދަނަތައް ފެންނަން ފެށި ފަހުން އެގައުމުން ކާބޯތަކެތީގެ ދަތިކަން ދިމާވެ ސިއްހީ ފަރުވާތަކަށް ބުރޫ އެރުމާއި، ގައުމުން ބޭސް ހުސްވެ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީއެވެ.

މިއީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ކޮށްފައިނުވާހާ ވަރުގަދަ މުޒާހަރާއެއްކަން ފާހަގަ ކޮށްލެވެއެވެ.

އާދިއްތަ ދުވަހުން އެ ގައުމުން 6,923 މީހަކު ކޮވިޑަށް ފައްސިވެފައިވާ އިރު، ބަލީގައި 47 މީހަކު މަރުވެފައިވެއެވެ. ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވާ ގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކިއުބާގައި މިހާރު އަންނަނީ އެގައުމުގެ އަމިއްލަ ވެކްސިނެއް ތައްޔާރު ކުރަމުންނެވެ. ވެކްސިން އުފައްދާ ޓީމުގެ މެމްބަރަކު މިދިޔަ ހަފްތާގައި ބުނެފައިވަނީ އެ ވެކްސިނަކީ 92 އިންސައްތަ ވައިރަހުން ރައްކާތެރިކޮށްދޭ ވެކްސިނެއް ކަމަށެވެ.