ފްރާންސުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ސެޕްޓެމްބަރު މަހުގެ ކުރިން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހައި ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި، އެހާތަނަށް ވެކްސިން ފުރިހަމަ ކުރެވިފައިނުވާ ނަމަ މުސާރަ ހިފަަހައްޓަން ޖެހިދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އަންގައިފިއެވެ.

ސަރުކާރުން އެކުލަވާލާފައިވާ މި އުސޫލަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ކެއާ ހޯމްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ނަރުހުން އަދި އިދާރީ މަސައްކަތް ކުރާ މީހުންނާއި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުން ވެސް އަމަލުކުރަން ޖެހެއެވެ. އަދި އެ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވެކްސިން ޖަހައި ފުރިހަމަ ކުރަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު އޮލީވިއާ ވެރަން ވިދާޅުވިއެވެ.

އެގައުމުގެ ރައީސް އެމަނުއެލް މެކްރަން ވިދާޅުވީ އަންނަ މަހުން ފެށިގެން ސިނަމާތަކާއި ފިހާރަތައް އަދި ދުރު ސަރަހައްދުތަކަށް ދަތުރުކުރުމަށް ޓްރެއިން ބޭނުންކުރާ ނަމަ ސިއްހީ ފާހެއް ދައްކަން ޖެހޭނެ ކަމަށެވެ. އެ ފާހުން ވެކްސިން ފުރިހަމަ ކޮށްފަކަން ނުވަތަ ކޮވިޑް ޓެސްޓް ހަދައި ނައްސި ނަތީޖާއެއް ލިބިފައިވާކަން ފެންނަން ޖެހެއެވެ.

މިހާރުވެސް ނައިޓް ކްލަބްތައް ފަދަ ބައެއް ތަންތަނަށް ދާއިރު އެގައުމުގައި ފާސް ބޭނުން ކުރަން ޖެހެއެވެ. ސަރުކާރުން އެކުލަވާލައިފައިވާ އާ އުސޫލުގެ ދަށުން 12 އަހަރުން މަތީގެ ކުދިން މި މަހު 21 ވަނަ ދުވަހުން ފެށިގެން ހަފްލާތަކާއި، ހޮސްޕިޓަލުތަކަށް ވަންނަ ނަމަ ފާސް ދައްކަން ޖެހެއެވެ.

އުސޫލުތަކަށް ގެނެވުނު ބަދަލާއެކު އާންމުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ޑޮކްޓަރު އެދިގެން ނޫން ގޮތަކަށް ޕީސީއާރް ކޮވިޑް ޓެސްޓް ކުރާ ނަމަ އެއަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުސޫލުތަކަށް ބަދަލު ގެނައީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން އެ ގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމާ

    މަޖުބޫރެއް ނުކުރެވޭނެ އެއްވަސް އެއްޗެއް ޖަހާކަށް....އެއްވެސް ގެރެންޓިއެއް އޮތް އެއްޗެއްނޫން

    5
    1
  2. ބޮޑު ޖަރީމާ

    މަޖުބޫރުން ނުގަބޫލުގައި އަޅުވެތި ކުރުން ތިޔަށް ކިޔަނީ!! 😠