ބައެއް ގައުުމުތަކުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒަށް ބޭނުން ޖެހިފައި ވަނިކޮށް، އާބާދީގެ ބޮޑު ބަޔަކު ވެކްސިން ޖަހާފައިވާ ގައުމުތަކުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒަށް އޯޑަރު ކުރަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން އިއްޔެ ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ގައުމުތަކުގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ބައެއް ގައުމުތަކުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކޮވިޑުން ދިފާއުމަށް ވެކްސިނުގެ ފުރަތަމަ ޑޯޒްވެސް ނުޖެހި އެބަތިބިކަން ފާހަގަ ކޮށްފައިވެއެވެ.

"ބައެއް ގައުމުތަކުން މިލިއަނުން ވެކްސިންގެ ބޫސްޓާ ޑޯޒް އޯޑަރުކުރަމުން ދާއިރު، އެހެން ގައުމުތަކުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ހައި ރިސްކް މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖެހެ" ޓެޑްރޮސް ވިދާޅުވިއެވެ.

ޓެޑްރޮސް ވިދާޅުވީ އާބާދީގެ ބޮޑު ބަޔަަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުން އިތުރަށް ބޫސްޓާ ޑޯޒް ޖެހުމުގެ ބަދަލުގައި އާބާދީގެ ބޮޑު ބަޔަަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައިނުވާ ފަގީރު ގައުމުތަކަށް ފުދުންތެރި ގައުމުތަކުން ވެކްސިން ހަދިޔާކުރުމަށް ޓެޑްރޮސް އެދިފައިވެއެވެ. އެފަދަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ވަނީ ކޮވެކްސްގެ ނަމުގައި ވެކްސިން ޕްރޮގްރާމެއް ހުޅުވާލައިފައެވެ.

ކޮވިޑުން ދިފާއުވެވޭނީ ހުރިހާ ގައުމަކުން ވެސް ވެކްސިން ޖަހައިގެންކަން މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯއިން ވެސް ފާހަގަ ކޮށްފައިވެއެވެ. މީގެ ކުރިން ޑަބްލިއުއެޗްއޯއިން އެދިފައިވަނީ ގައުމުތަކުން ބަލީގެ ނުރައްކާ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަކޮށް ނިމުމުން ބާކީ ހުންނަ ވެކްސިންތައް ފަގީރު ގައުމުތަކަށް ހަދިޔާކުރުމަށެވެ.