އެމެރިކާގެ ބޯޑަރުގައި، އާއިލާތަކާ ވަކިކޮށްފައި ތިބި ކުދިންނާ ބައްދަލުކުރުމަށް އެޤައުމުގެ ފަސްޓް ލޭޑީ، މެލާނިޔާ ޓްރަމްޕް ލައިގެން ދިޔަ ޖެކެޓަށް އެތައް ބަޔަކު ފާޑު ކިޔައިފިއެވެ.

ސަރަޙައްދީ ރޮނގުގައި ވަކިކޮށްފައި ތިބި ކުދިންނާ ބައްދަލުކޮށް، އެކުދިން ބައިތިއްބާފައި ތިބި ތަނުގެ ފެންވަރު ބެލުމަށް، މެލާނިޔާ ކުއްލިއަކަށް ކުރި ދަތުރުގައި ލައިގެން ހުރި ޖެކެޓަށް ފާޑުކިޔުން އަމާޒުވެފައިވަނީ، އޭގެ ފަހަތުގައި ލިޔެފައިވާ ލިޔުމެއްގެ ސަބަބުންނެވެ. އެޖެކެޓުގެ ފަހަތުގައި ލިޔެފައިވަނީ "އައި ރިއަލީ ޑޯންޓް ކެއަރ، ޑޫ ޔޫ؟ ނުވަތަ 'އަހަރެން އަސްލު އަޅައެއް ނުލަން، ތިބާ އަޅާލަންތަ؟' މިހެންނެވެ.

މީސް މީޑިޔާގައި ޚިޔާލު ފާޅުކުރަމުން ދިޔަ އެތައް ފަރާތަކުން ބުނެފައިވަނީ، މިއީ އެއްވެސް ގޮތަކަށް ޙާލަތާ ގުޅޭ ކަމެއް ނޫންކަމަށެވެ. އަދި، މިކަމުގެ ސަބަބުން، މުޅި އެމެރިކާއަށާއި ދުނިޔެއަށް ލިބެނީ އެހެން މެސެޖެއްކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، ބައެއް ފަރާތްތަކުން ބުނެފައިވަނީ، މިއީ ޓްރަމޕް އާއި އެމެރިކާގެ މިހާރުގެ ސަރުކާރުގެ އަސްލު ކުލަ ކަމަށެވެ.

މި ޖެކެޓު، މެލާނިޔާ ލައިފައިވަނީ ގަސްދުގައި، އެނގިގެންކަމަށް ނުވަތަ ނޭނގިކަމެއް ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، މި ޖެކެޓުގެ ބަހުސް، މީސް މީޑިޔާގައި ބޮޑުވުމުން، ވައިޓް ހައުސްގެ ތަރުޖަމާނު ބުނެފައިވަނީ ޖެކެޓުގެ މާނައަކީ އެއީ ނޫންކަމަށެވެ.

އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަޙައްދީ ރޮނގުގެ ކައިރީގައި، އެމެރިކާއަށް ރެފިއުޖީންގެ ގޮތުގައި އެތެރެވުމަށް ބޭނުންވާ އެތައް ބަޔަކު ޖަމާވެފައިވާއިރު، ބޭނުންވާ ލިޔެކިޔުންތައް ނެތްކަމަށް ބުނެ، އެމީހުންނާއި އެމީހުންގެ ކުދި ދަރިން ދަނީ ވަކި ކުރަމުންނެވެ. އެކުދިން ވަކި ކުރުމަށްފަހު، އިންސާނުންނަށް ލުމަށް އެކަށީގެން ނުވާ ގޮޅިތަކަށް ލަމުންދާއިރު، މިކަމާ މެލާނިޔާ ވަނީ ކުރިންވެސް ދެކޮޅު ހަދައި އަޑު އުފުލާފައެވެ.

މި ކުޑަކުދިން ލައިފައި ތިބި ތަނަށް، ނޫސްވެރިން ނުވެއްދި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.