ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެވައްތަރު ޑޯޒު ހަމަ ކުރަން ޖެހިއްޖެނަމަ، ނުރައްކާ ވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.

ސިއްހަތު ޖަމްއިއްޔާއިން މިގޮތަށް ބުނެފައިވަނީ ވެކްސިންގެ ދެ ޑޮޒު ފުރިހަމަ ކުރުމަށް ދެ ވައްތަރެއްގެ ވެކްސިނެއް ބޭނުން ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައި ސައިންސްވެރިން ތަހުލީލުތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން ސިއްހަތު ޖަމްއިއްޔާގެ ޗީފް ސައިންސްވެރިޔާ ސޯމްޔާ ސްވަމިނަތަން ބުނެފައިވަނީ ކުންފުންޏަކުން އުފައްދާފައިވާ ވެކްސިން މިކްސްކޮށް ދޭން ޖެހިއްޖެނަމަ، ނުރައްކާ ހާލަތަކަށް ގޮސްދާނެ ކަމަށެވެ. އެއީ އެކަމަށް ބާރުދޭ ވަރަށް ހެކި ނެތުމުންނެވެ.

ސޯމްޔާ ވަނީ ގައުމުތަކުގެ މީހުން އެކަމާއި ވިސްނުމަށް އިލްތިމާސް ކޮށްފައެވެ.

"ހެކި ނެތް ތަނެއްގައި ތަފާސް ހިސާބުވެސް އެހާ ރަނގަޅު ނުވަނީސް ދެ ޑޯޒު މިކްސްކޮށް ދިނުން އެއީ ނުރައްކާތެރި މަންޒަރެއް. އެކަމަށް ތަހުލީލުތައް ދަނީ ހަދަމުން. އެ ނިމެންދެން މަޑު ކުރަން ޖެހޭ" އޭނާ ބުންޏެވެ.

ސިއްހަތު ޖަމްއިއްޔާއިން މިފަދައިން ބުނެފައިވާއިރު، މީގެ ކުރިން ހެދި ދިރާސާތަކަށް ބަލާއިރު، މޭއި މަހުގެ ތެރޭގައި ސްޕެއިންގައި 600 މީހަކާއި އެކީ ހެދި ދިރާސާއަކުން ދައްކަނީ ކޮވިޝީލްޑް ވެކްސިންގެ ޑޯޒަކާއި ފައިޒާ ވެކްސިންގެ ޑޯޒެއް ދިނުމުން ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ. އަދި އިތުރު ގައުމުތަކުން ހެދި ދިރާސާތަކުން ވެސް އެގޮތަށް ވަނީ ދައްކާފައެވެ.

މިފަދަ ދިރާސާތަކެއް ހުރުމާއި ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ ދެ ވައްތަރުގެ ވެކްސިނުން ދެ ޑޯޒު ފުރިހަމަ ކުރުމަށް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ދެޑޯޒް މިކްސްކޮށް ދިނުމުން ނުރައްކާ ވެދާނެ. ދެޑޯޒް ދެމެދުގައިވާ މުއްދަތު ހަމަކޮށް ދެނަމެއްގެ ވެކްސިނަކުން ވިއަސް ދެވަނަ ޑޯޒް ދިނުމަކުން މައްސަލއެއްނެތް.