އަވަށްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު 41 އަށް އަރާފައިވާ ކަމަށް އެގައުމުގެ މީޑިއާއަކުން ބުނެފިއެވެ.

އެގައުމުގެ ފުލުހުންނާއި ހަވަލާދީ 'ނިއުސްފަސްޓް' އިން ބުނީ، އުމުރުން 15 އަހަރުގެ އަންހެން ކުއްޖާއާއި އެކީ އެންމެ ފުރަތަމަ ޖިންސީ ގުޅުން ހިންގާފައިވަނީ އެކުއްޖާގެ ބައްޕައެވެ. އެއީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެއެވެ. އެކަމާއި ގުޅިގެން އެކުއްޖާގެ މައިންބަފައިން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

އުމުރުން 15 އަހަރުގެ ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލައިގައި މިހާތަނަށް ލަންކާ އިން 41 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަޝްމާލީ އާއި ލަންކާގެ ނުފޫޒު ގަދަ ބޭފުޅުން ހިމެނެއެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ އެކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

މި ހާދިސާ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު، ފުލުހުން މިހާރު ވަނީ ބައެއް ތަންތަނުގައި ހުރި ސީސީޓީވީ ކެމެރާތަކާއި ފޯނު ކޯލުތަކާއި އިތުރު ކަންކަން ބަލަން ފަށާފައެވެ. އަދި އެގައުމުގެ ކޯޓުގައި ފުލުހުން ވަނީ އެފަދަ ކަންކަމަށް ބާރުދޭ ވެބްސައިޓުތައް ބޭން ކުރުމަށް އެދިފައެވެ.