(ހއ. އިހަވަންދޫ) ވެރިރަށް މާލެއާ 316 ކިލޯމީޓަރު ދުރުގައި އޮންނަ ހއ. އިހަވަންދޫއަކީ 61.9 ހެކްޓަރުގެ ބިމެއް އޮތް ރަށެކެވެ. އާބާދީގައި 3،517 މީހުން ހިމެނޭ މި ރަށަކީ ހއ. އަތޮޅުގެ ދެެ ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ރަށް ކަމަށް ވާއިރު މިވަގުތު އިހަވަންދޫގައި 2،400 އެއްހައި މީހުން ދިރިއުޅެމުން އެބަދެއެވެ. އޭގެ ތެރޭގައި އެހެން ރަށްތަކުން އިހަވަންދޫ އަށް ހިޖުރަ ކުރި އާއިލާތައް ވެސް ހިމެނެއެވެ.

ސިނާއީ އަދި އެހެނިހެން މަސައްކަތްތައް ކުރުމަށް ފަރިތަ ރައްޔިތެއް އުޅެމުން އަންނަ އިހަވަންދު އަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމެވެ.

ހަތް ސަތޭކަ އަށް ވުރެ ގިނަ ގޭބީސީގެ މައްޗަށް އެކުލެވޭ އިހަވަންދޫގައި ގޯތި ބޭނުންވާ އެތައް ބަޔަކު ތިބި ނަމަވެސް އެ ރައްޔިތުންނަށް ހައްގުވާ ގޯތި ކަނޑައިދޭނެ ބިމެއް މިހާރު މި ރަށަކު ނެތެވެ. ބިމުގެ ދަތިކަމާއެކު "މޫލައިގެން" އައި އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެގޮތުން 12 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު 2019 ވަނަ އަހަރު ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަށް ގޯތި ދޫކުރުމުގެ މަސައްކަތް އިހަވަންދޫ ކައުންސިލުން ވަނީ ކޮށްފައެވެ.

އިހަވަންދޫ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭރު ކުރި މަސައްކަތްތަކާ ބެހޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އާސިފް "ވަގުތު" އަށް ވިދާޅުވީ ކައުންސިލުން އޭރު ކުރި މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި 200 ގޯތި ދޫކޮށްފައިވާނެ ކަމަށެވެ. އަދި އިތުރު 275 ގޯތި ދޫކުރަން ކައުންސިލުން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ.

"200 ގޯއްޗަށް ހުޅުވާލީމަވެސް 450 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ޝަރުތު ހަމަވާ އެއީ ގޯތި ދޭން ޖެހޭ. މިހާރު ވެސް އާ ދިރިއުޅުމަކަށް ދާން ބޭނުންވާ އެތައް ރައްޔިތަކު އެބަ ތިބި." އާސިފް ވިދާޅުވިއެވެ.

ގޯތި ގެދޮރުގެ ދަތިކަމުގެ އިތުރުން ރަށުގެ މަސައްކަތްތެރިކަމަށް ވެސް ބިމުގެ ދަތިކަމުގެ ހިޔަނި ވަނީ އެޅިފައެވެ. އެގޮތުން ގާ އެޅުމާއި، ވަޑާން ކުރުމާއި، އޮޑިބަނުން ފަދަ ކަންކަމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިމުގެ ދަތިކަމެވެ. އަދި ހަލުވިކަމާއެކު އާބާދީ ބޮޑުވަމުން އަންނަ އިހަވަންދޫގެ އާބާދީ އާ އަޅާ ބަލާއިރު މިހާރު މިސްކިތާއި، ސްކޫލްގެ ދަތިކަން ވެސް މި ރަށަށް ވަނީ ދިމާވެފައެވެ.

އިހަވަންދޫގައި ކުޑަ ދެ ކުދިން ބައިސްކަލެއް ކައިރީގައި. --- ވަގުތު އިމޭޖަސް

ރަށުގެ އާއްމުންނާ ވާހަކަދެއްކުމުން އާއްމުން ވަނީ ބިމުގެ ދަތިކަމުގެ ސަބަބުން އެތައް ދަތިތަކެއް ދިމާވާކަން ފާހަގަކޮށްފައެވެ. އަދި ބިން ނުހިއްކި ލަސްވުމުން ކަންބޮޑުވާކަން އެ ރަށު ރައްޔިތުން ފާހަގަކުރެއެވެ.

"އާއިލާތައް ތޮއްޖެހިގެން އުޅެން މިޖެހެނީ ގޭ ގޯއްޗަކު ވެސް ނެތް ތަނެއް އަޅާކަށް ޖާގައެއް. އެންމެންނަކަށް ބުރި ބުރިއަށް ގެ ނޭޅޭނެ. އެއީ މަދު މުއްސަނދި ބައެއް. ގޯތި ބޭނުންވާ އެތައް ބަޔަކު އެބަ ތިބި. ސްކޫލް އެއޮތީ ކޮންކްރީޓް ޖަންގައްޔެއްހެން." އޭނާ ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ބިމުގެ ދަތިކަމުގެ ސަބަބުން މަސައްކަތްތެރިންނަށް އެކަށީގެންވާ ފުރުސަތެއް ނުލިބި އާންމުންނަށް ގިނަ ތަކުލީފްތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މި ރަށަކީ މަސް ކައްކާ ރަށެއް، ގާ އަޅާ، އޮޑި ބަނދޭ. ނުލާހިކު މީހުންނާ ކައިރީ އެކަންކަން ކުރީމަ ވަރަށް އުނދަގޫ. ފައިބަރުގެ އަސަރުކޮށް ކެންސަރު އެބަ ޖެހޭ އެތައް ބަޔަކަށް. މިކަހަލަ އެތައް ކަމެއް އެބަ ހުރި." އެމީހާ ކިޔައި ދިނެވެ.

އިހަވަންދޫގެ ބިމުގެ ދަތިކަމުގެ ވާހަކަ 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުތަކުގެ ސަމާލުކަމަށް އެ ރަށު ކައުންސިލުން އައީ ގެންނަމުންނެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ވަނީ ނުލިބިއެވެ. އިހަވަންދޫގެ ބިމުގެ ދަތިކަމުގެ މައްސަލަ ބޮޑުކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސަމާލުކަމަށް ވެސް އޮތީ އައިސްފައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އާ ދިމާކޮށް އިހަވަންދޫގެ ބިން ހިއްކަވާނެކަމުގެ އިޝާރާތެއް އޭރުގެ ހައުސިން މިނިސްޓަރ އަދި މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްތީ ގަތުމެއްގައި މިނިސްޓަ ވަނީ އިހަވަންދޫ އަކީ އާބާދީ ބޮޑު ތަނަކަށް ވުމާއި ހުސް ބިން ނެތް ރަށަކަށް ވުމުން އެ ރަށުގެ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އެހެންވީމަ ރައީސް ޔާމީން ނިންމަވާފައި ވަނީ ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ކުރީކޮޅު އިހަވަންދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ބިމުގެ މައްސަލަ ޙައްލު ކޮށްދެއްވުމަށްޓަކައި އިހަވަންދޫއާ އެކުގައި އިހަވަންދޫ ފަޅު ތެރެއިން އިހަވަންދޫގެ ބިން އިތުރު ކޮށްދެއްވުމަށް ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުއެއް ހިންގެވުމަށް" މުޢިއްޒު އޭރު ވިދާޅުވިއެވެ.

އިހަވަންދޫ މަގުމަތީގައި ބަޔަކު މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް

ހަމައެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫ އަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކުގެ ތެރޭގައި ވެސް އިހަވަންދޫގެ ބިން ހިއްކުމުގެ ވައުދު ހިމެނެއެވެ. އިހަވަންދޫގެ ބިން ހިއްކުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 45 މިލިއަން ރުފިޔާ ހިމެނިއެވެ.

އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގައި ސޮއިކުރުމާއެކު އިހަވަންދޫގެ ބިމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް އިހަވަންދޫގެ ރައްޔިތުން ކުރި އުންމީދު އަނެއްކާވެސް އާވިއެވެ.

އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 123 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިހަވަންދޫގައި ބަޔަކު މަސް ކަނޑަނީ. --- ވަގުތު އިމޭޖަސް

މި މަޝްރޫއުގެ އަދާހަމައަށް ބަލާނަމަ، މި އަހަރުގެ ބަޖެޓްގައި އަށް މިލިއަން ރުފިޔާ މި މަޝްރޫއު އަށް ޚާއްސަކޮށްގެން ހިމަނާފައިވެއެވެ. އަދި 38 މިލިއަން ރުފިޔާ މިދިޔަ އަހަރު މި މަޝްރޫއު އަށް ބަޖެޓްކޮށްފައިވެއެވެ.

އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހު މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރާ އިރު އިހަވަންދޫގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ގިނަ އުންމީދުތައް މި މަޝްރޫއޫ އާ ވަނީ ގުޅިފައެވެ.

ނަމަވެސް މިހާތަނަށް އައި އިރު ވެސް މި މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި ވުމުން މި މަސައްކަތަށް ކަނޑައެޅި ސުންގަޑި އަށް މަސައްކަތް ނިމި، ރަށުގެ ރައްޔިތުންގެ އުންމީދުގައި ހަގީގީ ކުލަ ޖެހިދާނެ ކަމާ މެދު މިވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުއްބާ

    ތީގެ ހައްލަކީ އިހަވަނދޫ އެންމެން ރައް ދޫކޮއްފަ މާލެއައް ހިޖުރަކުރުން. އޭރުން ހުރިހާ މައްސަލައެއް ނިމުނީ...

  2. ސސ

    ބިމުގެ ދަތިކަމާއި ބޯހިޔާ ވަހިކަމުގެ ދަތިކަން ނެތީ ކޮންރަށެއްތޯ ރާއްޖޭގެ ކޮންމެ ރަށެއްގައި އޮތީ ބިމުގެ ދަތިކަން ސަބަބަކީ މާލެ ސަރަހައްދު ބޮޑުކޮށް މާލެ ސަރަހައްދަށް މީހުން ޖަމާކުރަން ޕުލޭން ކުރެވިފައިވާތީ މިދިޔަށް 50 ؛އަހަރު ރައްރަށުގެ ބިން އެދެވޭ ގޮތެއްގައި ހިއްކާ ބޮޑުކުރެވިފައިނުވާތީ އެކަމުގެ ދަތިކަން މިފެންނަނީ !

  3. ގުދުގުދާބެއްޔާ

    "ހަތް ސަތޭކަ އަށް ވުރެ ގިނަ ގޭބީސީގެ މައްޗަށް އެކުލެވޭ އިހަވަންދޫގައި ގޯތި ބޭނުންވާ އެތައް ބަޔަކު ތިބި ނަމަވެސް އެ ރައްޔިތުންނަށް ހައްގުވާ ގޯތި ކަނޑައިދޭނެ ބިމެއް މިހާރު މި ރަށަކު ނެތެވެ." ބަލަ މިރަށްރަށުން ގޯތި އެރަށުގެ ރައްޔިތުންނަށް ދޭނަމަ ހުޅުމާލެ. ގުޅީފަޅުން މާލޭ ރައްޔިތުންނަށްވެސް ތިޔަބުނާ އުސޫލުން ބިންނުދެނީ ކީއްވެ!؟ ލާމަރުކަޒީގާނޫނު ހިގަނީ މިގައުމުގެ ވަކި ހިސާބެއްގަތަ؟ މިއަޅެ ބޮޑުވެއްޖެކަމެއްނު! ދެންމިވާހަކަ ދައްކާއިރަށް ބުނަނީ ހުޅުމާލެއަކީ އެޗްޑީސީގެ މިލްކެކޭ! ދައުލަތުގެ ފައިސާއިން ހިއްކާފައި އެޗްޑީސީގެ މިލްކަކަށް ހުޅުމާލެ ވާންޖެހޭގޮތެއް ބުނަލަދީބަލަ!؟

  4. އިހަވަންދޫ ރައިތުން

    3588 އެއީ އެންމެ ފަހުން 2021ވަނަ އަހަރު ހއ އަތޮޅުގެ އާބާދީ ބެލިއިރު އިހަވަން ދޫގަ މިހާރު ދިރިއުޅެމުން އަންނަ އާބާދީ. އިހަވަންދޫގަ ރަޖިސްޓަރީ އޮތް ދިރިތިބި މީހުންގެ އަދަދު 4500 އަށް އަރާ.
    ހއ. އަތޮޅުގެ 2 އަށް އެންމެ ބޮޑު އާބާދީ އޮތީ އިހަވަންދޫގަ

  5. އިހަވަން

    3588 އެއީ މިހާރު ރަށުގަ ދިރިތިބި އާބާދީ.
    ރަށުގަ ރަޖިސްޓަރީ ކޮއްފައިވާ މިވަގުތު ދިރިތިބި 1000 ހައްވުރެން ގިނަ މީހުން ރަށުންބޭރުގަ އުޅރމުން އެބަދޭ. ޖުމުލަ ރަށުގަރަޖިސްޓަރީ އޮތް ދިރިތިބި އާބާދީ 4500 އަށްވުރެން ގިނަ!

    1
    1