ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފައި ވަނިކޮށް ހާލަތު ގޯސްވެ، އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

މީގެ ތިން ހަފްތާ ކުރިން އެމެރިކާ އިން ދުވާލަކު ފައްސިވި މީހުންގެ އަދަދާއި މިހާރު ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ފައްސިވާ މީހުންގެ އަދަދު ވަނީ ދެގުނައަށް ވުރެ ވެސް އިތުރުވެފައެވެ. ޖޫން މަހުގެ 23 ވަނަ ދުވަހު އެމެރިކާ އިން ފައްސިވީ 11300 މީހުންނެވެ. ނަމަވެސް އިއްޔެ ވެސް ވަނީ 28000 މީހުން ފައްސިވެފައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެމެރިކާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަ އެއް ސަބަބަކީ ޑެލްޓާ ވޭރިއަންޓް އެގައުމުގައި ފެތުރޭ ނިސްބަތް އިތުރުވުމެވެ. ދެވަނަ ސަބަބެއް ގޮތުގައި އޮފިޝަލުން ފާހަގަ ކުރައްވަނީ ޖުލައި މަހގެ 04 ވަނަ ދުވަހު އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ސަރަހައްދުގައި ބޭއްވި އެއްވުންތަކާއި ޕާޓީތަކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގެ ވެކްސިން ޖެހޭ އާބާދީގެ %55.6 މީހުން މިހާރު ވެކްސިން ޖަހައިފިއެވެ. ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް މިހާރު ގޯސްވަމުންދާ ސްޓޭޓްތަކަކީ ވެކްސިން ޖެހި މީހުންގެ ނިސްބަތް އެންމެ މަދު ސްޓޭޓްތަކެވެ. މިސޫރީގައި %45.9 މީހުންނަށް ވެކްސިން ދެވުނުއިރު އަކަންސަސްގައި ވެކްސިން ދެވުނީ %43 މީހުންނަށެވެ. ނެވާޑާގައި %50.9 މީހުންނަށް ވެކްސިން ދެވުނުއިރު ލޫޒިއާނާގައި ވެކްސިން ދެވުނީ %39.2 މީހުންނަށެވެ. އުޓާގައި ވަނީ %49.5 މީހުންނަށް ވެކްސިން ދީފައެވެ.

އެމެރިކާ އަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމެވެ. ޖަނަވަރީ މަހު އެމެރިކާ އިން ދުވާލަކު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ތިން ލައްކައަށްވުރެ ވެސް މައްޗަށް ދިޔައެވެ. މިހާރު އެމެރިކާގެ ގިނަ ބަޔަކަށް ވެކްސިން ދެވިފައި ވުމުން ކުރިން ގައުމުގެ ހާލަތު ގޯސްވި ވަރަށް ގޯސް ނުވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު