ކޮވިޑް-19 އަށް ފައްސިވުމުން ކުރިމަތިވާ ކަންކަން ސައިންސްވެރިން އަދިވެސް ގެންދަނީ ދަސްކުރަމުންނެވެ. އިތުރަށް ދިރާސާ ކުރަމުން، ލިބޭ މައުލޫމާތު ހާމަކުރަމުންނެވެ. މިހާރު ގިނަ ގައުމުތަކުގައި ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ދެމުން ދާއިރު ވެކްސިން ފުރިހަމަ ކުރާ ފަހުން ވެސް ކޮވިޑް ޖެހެއެވެ. އެފަދަ ހާލަތެއްގައި ކޮވިޑް ޖެހުމުން ފެންނަ އަލާމާތްތަކަށް ބަދަލު އައުން ގާތްކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ސައިންސްވެރިން ބުނާ ގޮތުގައި ވެކްސިން ފުރިހަމަ ކުރާ ފަހުން ކޮވިޑް ޖެހިއްޖެނަމަ އެމީހެއްގެ ކިބައިން އެންމެ އާއްމުކޮށް ފެންނަ އަލާމާތަކީ ވަރަށް ގަދައަށް ބޮލުގައި ރިއްސުމެވެ. އޭގެ އިތުރުން ދެން އެންމެ އާއްމުކޮށް ފެންނާނެ އަލާމާތްތަކަކީ ނޭފަތުން ރޯގާ އައުމާއި ކިނބިހި އެޅުމާއި ކަރުތެރެ ބެދުމާއި ވަސް ނުދުވުމެކެވެ.

އަދި ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާނަމަ މިއަލާމާތްތަކުގެ އިތުރުން ކޮވިޑް ޖެހުމުން ކެއްސުން އެކަށީގެންވެއެވެ.

ކޮވިޑްގެ އެންމެ އާއްމު އަލާމާތްތައް ކަމަށްވާ ހުން އައުމާއި، ނޭވާލާން އުނދަގޫ ވުން ފަދަ ކަންކަން ވެކްސިން ފުރިހަމަ ކޮށްފައި ވަނިކޮށް ކޮވިޑް ޖެހޭ މީހުންގެ ކިބައިން ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ވެސް އެމެރިކާގެ ސައިންސްވެރިން ބުނެއެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކޮވިޑް ޖެހުމުން ނޭވާ ކުރުވުން ކޮވިޑްގެ އަލާމާތެއްގެ ގޮތުގައި ލިސްޓް ކޮށްފައި އޮތީ އަށް ވަނައިގައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމުން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކޮށްދެއެވެ. އެމެރިކާގައި ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މިހާރު މަދެވެ.

ކިޔުންތެރިންގެ ހިޔާލު