ކޮވިޑް-19ގައި އާޖެންޓީނާއިން މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ. މިއީ ލެޓިން އެމެރިކާއިން ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރި ފަސްވަނަ ގައުމެވެ.

އާޖެންޓީނާގައި ކޮވިޑް ހާލަތު ގޯސްވެ، އެގައުމުގެ ސިއްހީ ނިޒާމްވެސް އަންނަނީ ގޯސްވަމުންނެވެ. ބުދަ ދުވަހު އާޖެންޓީނާގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 614 މީހުން ކޮވިޑް ބަލީގައި މަރުވެފައިވެއެވެ.

މިހާތަނަށް އެގައުމުން 4.7 މިލިއަން މީހުން ކޮވިޑް ބައްޔަށް ފައްސިވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 100،250 އަށް އަރާފައެވެ.

ލެޓިން އެމެރިކާއިން އެންމެ ހާލަތު ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނެއެވެ. މިހާރު ގައުމުން ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދ ވަނީ ދަށްވެފައެވެ.

އެގައުމުގައި ވޭދަނަތައް އަނެއްކާވެސް އިތުރުވަމުންދާކަމަށް ބުނެ ޕޭން އެމެރިކަން ހެލްތް އޯގަނައިޒޭޝަން (ޕީއޭއެޗްއޯ) އިން ބުނެފިއެވެ. ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ހީވެ، އާޖެންޓީނާގެ ސަރުކާރުން ވަނީ ކޮވިޑާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުގެ ރައީސް އަލްބާޓޯ ފެނާންޑެޒް ވިދާޅުވީ ގައުމުގެ ހުރިހާ އެންމެންނަށް ވެކްސިން ޖަހަމުން ގެންދާނެ ކަމަށެވެ. ވެކްސިން ޕްރޮގްރާމް ހުއްޓާ ނުލާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ގައުމުގެ 20.6 މިލިއަން މީހުން ވަނީ ވެކްސިންގެ ފުރަަތަމަ ޑޯޒް ޖަހާފައެވެ. އަދި އޭގެ ތެރެއިން 5.1 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްްސިން ފުރިހަމަ ކޮށްފައެވެ. މިހާތަނަށް ބަލާއިރު ގައުމުގެ އާބާދީގެ 45 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.