އިންޑޮނޭޝިއާގައި ކޮވިޑް ވޭދަނަތައް އިތުރުވެ، އެއް ދުވަސް ތެރޭގައި ރިކޯޑު އަދަދަކަށް މީހުން ބައްޔަށް ފައްސިވެއްޖެއެވެ.

އިންޑޮނޭޝިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެކަނި ވެސް 50،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފިވެއެވެ. މީގެކުރިން އެ ގައުމުގައި އެއް ދުވަސް ތެރޭގައި މިހާ ގިނަ ބަޔަކަށް ބަލި ޖެހިފައެއް ނުވެއެވެ.

އޭޝިޔާގެ ދެކުނުން އިރަށް ހުރި ގައުމުތަކުގައި ކޮވިޑް ވައިރަހުގެ ވޭދަނަތައް އިތުރުވެ، ސިއްހީ ނިޒާމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބައެއް ގައުމުތަކުގައި ކޮވިޑަށް ފަރުވާ ނުދެވި ބަލި މީހުން ގޭގައި ތިބެ މަރުވަމުންދާ ކަމަށާއި، ކޮވިޑަށް ފަރުވާކުރަމުންދާ މީހުންނަށް އޮކްސިޖަން ޓޭންކު ލިބުމުގެ ދަތިކަން ވެސް ވަނީ ދިމާވެފައެވެ.

އިންޑޮނޭޝިއާގެ ހެލްތް މިނިސްޓްރީން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެ، ރިކޯޑު ހަދާފައިވާ ކަމަށް ބުނެ އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނީ އިއްޔެ އެގައުމުން 54,517 މީހުންނަށް ބަލި ޖެހުނު ކަމަށެވެ. އަދި އިއްޔެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 991އެވެ.

ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ އަދަދުތަކަށް ވުރެ ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތަށް ލަފާ ކޮށްފައިވަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރެވޭލެއް ދަށްވުމާއި، ކޮވިޑަށް ޓެސްޓް ކުރެވޭ މީހުން މަދުވުމެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާ އާއި އިންޑޮނޭޝިޔާގެ އާބާދީއަށް ބަލާއިރު، މީގެ ކުރިން އިންޑިއާ އޮތް ހާލަތަށް ވުރެ އިންޑޮނޭޝިއާ މިހާރު އޮތް ހާލަތު ނާޒުކެވެ. އެ ގައުމުން އަސްލު އަދަދުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 100,000 މީހުން ފައްސިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 2،000 މީހުން ބަލީގައި މަރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އިންޑޮނޭޝިޔާއިން މިހާތަނަށް 2.67 މިލިއަން މީހުންނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، ބަލީގައި 69,210 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.