ހޮންކޮންގްގެ ނޫހެއް ކަމަށްވާ އެޕަލް ޑެއިލީ ބަންދުކުރުމާ ގުޅިގެން ޔޫރަޕުގެ ޕާލިމެންޓުން ކުށްވެރި ކޮށްފިއެވެ.

އެކަން ކުށްވެރިކޮށް ޖުލައި އަށް ވަނަ ދުވަހު ޔޫރަޕިއަން ޕާލިމެންޓުން ވަނީ ހޮންކޮންގް އިން ހައްޔަރު ކުރި ހުރިހާ ނޫސްވެރިން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލައިފައެވެ.

ޔޫރަޕިއަން ޕާލިމެންޓުން އަންނަނީ އެ ސިޓީގެ ނޫސްވެރިންގެ މިނިވަންކަން އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ޕާލިމެންޓުން ވަނީ ނޫސްވެރިންގެ މައްޗަށް ކުރަމުން އަންނަ ދައުވާތައް އެއްވެސް ޝަރުތަކާ ނުލާ ބާތިލް ކުރުމަށް ގޮވާލައިފައެވެ.

އެޕަލް ޑެއިލީ ނޫސް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. ކުރު މުއްދަތެއްގެ ނޯޓިސްއަކަށް ފަހު، އިސްކޮށް ހަރަކާތްތެރިވި ނޫސްވެރިން ހައްޔަރުކޮށް، އެ ކުންފުނީގެ މިލްކިއްޔާތުގައި ހުރި ފައިސާތައް ވަނީ ފްރީޒް ކޮށްފައެވެ. އެޕަލް ޑެއިލީ ނޫހާއި ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވަނީ ނޭޝަނަލް ސެކިއުރިޓީއާއި ބެހޭ އާ ގާނޫނެއް މިދިޔަ އަހަރުގެ ޖޫން މަހު ފާސްކުރި ހިސާބުންނެވެ. ގާނޫނު ފާސްކުރިތާ މަސް ދުވަސް ފަހުން ހޮންކޮންގްގެ 500 ފުލުހުން ވަނީ އެޕަލް ޑެއިލީ ނޫހުގެ އޮފީހަށް ވަދެ އެތަން ބަލާ ފާސްކޮށްފައެވެ.

މިފަހުން ސަރުކާރުން އެޕަލް ޑެއިލީ ނޫހާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ހިލާފަ ޗައިނާއާއި ދެކޮޅަށް މައުލޫމާތުތަކެއް ޝާއިއު ކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންކުރާ 44 ކޮމްޕިއުޓަރު ސިސްޓަމެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ޗީފް އެޑިޓަރ ހިމެނޭހެން ހަތް ނޫސްވެެރިޔަކު ވަނީ ހައްޔަރު ކޮށްފައެވެ.