ފާއިތުވި 100 އަހަރު ތެރޭގައި ވެސް ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައި ނުވާވަރުގެ ގަދަ ވިއްސާރައެއް ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެ އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެއެވެ.

އެންމެ ބޮޑަށް ވިއްސާރަ ކުރަމުން އަންނަނީ ޔޫރަޕްގެ ހުޅަނގުގެ ގައުމުތަކަށެވެ. ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޖަރުމަންވިލާތަށެވެ. ޖަރުމަންވިލާތުގައި ފެންބޮޑުވުމުންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަަދަދު 50 އަރައެވެ. އަދި 1000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ޖަރުމަންވިލާތުގެ އޮފިޝަލުން ވިދާޅުވެއެވެ.

ޖަރުމަންވިލާތުގެ އިތުރުން ބެލްޖިއަމުން ވެސް ވަނީ ވިއްސާރައިގައި މަދުވެގެން އަށް މީހުން މަރުވެފައެވެ. އަދި ނެދަލޭންޑްސްއާއި ލަގަޒަމްބާގަށް ވެސް ވަރަށް ބޮޑަށް ވިއްސާރަކޮށް ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިވަގުތު އުޅުއްވާ ޖަރުމަންވިލާތުގެ ޗާންސެލަރު އެންޖެލާ މާކެލް ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ޖަރުމަންވިލާތުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. "ކޮންމެ މީހަކަށް ވެސް އެންމެ ރައްކާތެރި އެމީހެއްގެ ގެދޮރު ވެސް މިވަނީ މަރާއި ކުރިމަތިލާން ޖެހޭ ދަންތުރައަކަށް ވެފައި." މާކެލް ވިދާޅުވިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ލޭޔެން ވިދާޅުވީ ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ކާރިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަން މިހާރު ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްރާންސުން މިހާރު ވަނީ ބެލްޖިއަމްގައި ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރުތައް ފޮނުވާފައެވެ. އަދި އިޓަލީ އާއި އޮސްޓްރިއާ އިން ވެސް މިހާރު ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.