ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭވަރުގެ ބައްޔެއް ކަމަށްވާ ކޮވިޑް-19ގެ އިތުރު ނުރައްކާތެރި ވޭރިއެންޓްސް އެކި ހިސާބުތަކުގައި އުޅެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ޑަބްލިއުއެޗްއޯއިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޖަމިއްޔާ އިން ވިދާޅުވީ، ކޮވިޑްގެ އިތުރު ވޭރިއެންޓް އުޅުމުގެ ސަބަބުން މި އާލަމީވަބާއިން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެން ކަމުން އަވަސް މުސްތަގުބަލެއްގައި މި ވަބާއިން ސަލާމަތް ނުވެވޭނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

"އާލަމީވަބާ މި ދަނީ ހަތަރު ވޭރިއެންޓަކާއި އެކީ ފުޅާވަމުން. އަޅުގަނޑުމެން ދެކެނީ މި ބަލި އިތުރަށް ފެތުރި، ނުރައްކާތެރި އިތުރު ވޭރިއެންޓްތައް ފެތުރެން ފަށައިފިނަމަ، ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް" ޖަމިއްޔާއިން ވިދާޅުވެފައިވެއެވެ.

ޑަބްލިއުއެޗްއޯ ކޮމިޓީގެ ޗެއާމަން ޑީޑާ ހޫސިން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއީއިން އިއުލާނު ކުރިތާ އަހަރަކާއި ދޮޅުމަސް ވެފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ވައިރަސް ދުވަނީ އިންސާނުން ފަހަތުން ކަމަށާއި އިންސާނުން ވެސް ދުވަނީ ވައިރަސް ފަހަތުން ކަމަށެވެ.

މިހާތަނަށް ހޯދިފައިވާ ކޮވިޑްގެ ވޭރިއެންޓްތަކުގެ ތެރޭގައި ހިމެނެނޭ އަލްފާ، ޑެލްޓާ، ބީޓާ އަދި ގާމާއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ކަމަށް އަދި ބުނެފައިވަނީ އިންޑިއާއިން ފެނިފައިވަނީ ޑެލްޓާ ވޭރިއެންޓެވެ.

މި ވޭރިއެންޓްތަކުގެ އިތުރުން އެހެން ނުރައްކާތެރި އަވަހަށް ފެތުރޭ ވޭރިއެންޓްތައް އުޅެދާނެ ކަމަށް ބުނެ، ސިއްހަތު ޖަމްއިއްޔާއިން ވަނީ ގައުމުތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.