ލުބްނާންގެ ބޮޑުވަޒީރު ސާދް ހަރީރީ އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަރީރީ މަގާމުން އިސްތިއުފާ ދެއްވި ކަން އިއުލާން ކޮށްފައިވާއިރު، ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އާ ސަރުކާރެއް އުފެއްދުމަށް ނުކުޅެދިފައިވުމުންނެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ހަރީރީ ވަނީ ގައުމުގެ ރައީސް މިޝެލް އައުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެކުލަވާލައިފައިވާ އާ ސަރުކާރު އައުންއަށް ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުން އައުން ގަބޫލު ނުކުރެއްވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"އައުން އެދެނީ ސަރުކާރުގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަން އަދި ވިދާޅުވީ ދެމީހުންގެ ހިޔާލު އެއްގޮތް ނޫން ކަމަށް. މާތްﷲ މި ގައުމު ސަލާމަތް ކޮށްދެއްވާ" ހަރީރީ ވިދާޅުވިއެވެ.

ހަރީރީގެ މި ބަހަށް ރައްދުދެމުން އައުން ވިދާޅުވީ އޭގެ މާ ކުރިން ވެސް ހަރީރީގެ އިސްތިއުފާ ދިނުމުގެ ހިޔާލާއި ވިސްނުން ގެންގުޅެމުންދިޔަ ކަމަށެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ހަރީރީ ވިދާޅުވީ އާ ސަރުކާރު އެކުލަވާލައިފައިވާނީ އިސް މަގާމުތައް ފުރުމަށް ކަމަށް ގާބިލް އަދި ތަޖުރިބާ ހުރި މީހުން ހަމަޖައްސައިގެން ކަމަށެވެ. ނަމަވެސް، އެ ގޮތް އައުންއަށް ރަނގަޅުނުވީކަން އޭނާ ފާހަގަ ކުރިއެވެ.

ހަރީރީ ގަބޫލުކުރައްވަނީ ގައުމުގެ ހަލާކަކީ އައުން ކަމަށެވެ. ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު ހަރީރީއަށް ތާއިދުކުރާ ފަރާތްތަކާއި ފިއުޗާ މޫވްމެންޓް ޕާޓީއިން ވަނީ މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގަން ފަށައިފައެވެ. އެގޮތުން، ޓަޔަރު އެންދުމާއި، އެކި ސަރަހައްދުތަކުގައި ޑަސްޓްބިން ބަހައްޓައިގެން މަގު ބެއްދުން ހިމެނެއެެވެެ.