މިޔަންމާގައި ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ އަސްކަރިއްޔާ އާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުމުގެ ތެރެއިން 75 ކުޑަ ކުއްޖަކު މަރާލައި، 1،000 އަށް ވުރެ ގިނަ މީހުން ސިފައިންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ ކަމަށް އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޓީއިން ހުކުރު ދުވަހު ބުނެފިއެވެ.

މިޔަންމާގައި އެގައުމުގެ ރައްޔިތުންނާއި ސިފައިންގެ މެދުގައި ހިނގަމުންދާ ބަސްނޭހުމުގެ އަމަލުތަކުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ކުޑަކުދިން ތިބެން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އދ. ކޮމިޓީގެ ޗެއާ މިިކީކޯ އޮޓާނީ ވިދާޅުވީ މިޔަންމާގެ ކުޑަކުދިން ތިބެނީ ހަމަނުޖެހުމާއި، ހަމަލާތަކުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ ގައުމުގައި ކޮންމެ ދުވަަހަކު ބަޑީގެ ހަމަލާތަކެއް ވެސް ދެމުން އަންނަ އިރު، ކުޑަކުދިންގެ ބޮލުގައި ބަޑި ޖައްސައި އެކުދިންގެ އާއިލާގެ މީހުންނަށް ބިރު ދައްކަމުން އަންނަކަން އޭނާ ފާހަގަ ކުރިއެވެ.

މަރުވެފައިވާ ބައެއް ކުޑަކުދިންނަކީ އެ ކުދިންގެ އަމިއްލަ ގޭގައި ތިއްބާ މަރާލައިފައިވާ ކުދިންކަން ފާހަގަކޮށް، 18 މީހުންނާ އެކު އެކުލަވާލައިފައިވާ ތަޖުރިބާކާރުންގެ ކޮމިޓީން ވަނީ ފުލުހުން ކުޑަކުދިންނަށް ހަމަލާދިނުން ކުށްވެރި ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑަށް މަންޑާލޭ ސިޓީގެ ފުލުހުން ބަޑި ޖަހާފައިވެއެވެ.

ބޭނުންވާ މީހާ ހައްޔަރު ނުކުރެވުމުން އެ އާއިލާއެއްގެ ކުޑަކުދިން އަސްކަރީ ޖަލުތަކަށާއި، ބަންދުގައި މީހުން ބައިތިއްބާ ސެންޓަރުތަކަށް ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ކުޑަކުދިންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކުން އެ ކުދިން ވަނީ މަހުރޫމް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ވެކްސިން ނުލިބި، އިތުރު ފަރުވާއެއް ވެސް ނުލިބޭ 4،000 އަށް ވުރެ ގިނަ ކުޑަކުދިން އެބަތިބިއެވެ.

މިޔަންމާގެ ހަމަނުޖެހުމުގެ ތެރެއިން މިހާތަނަށް 912 މީހުން މަރާލައިފައިވެއެވެ. އަދި 6,770 މީހުން ހައްޔަރުކޮށްފައިވާއިރު މިހާރު ބަންދުގައި ތިބި މީހުންގެ އަދަދަކީ 5,277 އެވެ.