ކޮވިޑް-19 އާއި ގުޅޭ ގޮތުން ސައިންސްވެރިން ވެސް އަދި ވަރަށް ގިނަ ކަންކަން ދަސްކުރަން ޖެހެއެވެ. ދުވަހަކަށް ވުރެ ދުވަހަކަށް ކޮވިޑާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބުނު ނަމަވެސް އަދިވެސް ސާފުނުވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެންމެ ފަހުން ސައިންސްވެރިން ބުނެފައިވާ ގޮތުގައި ކޮވިޑްގެ އަސަރު ބައެއް މީހުންނަށް ގިނަ ދުވަސްތަކަކަށް ދެމިގެން ދެއެވެ. މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ ފަރާތުން ތަފާތު 203 ވައްތަރެއްގެ އަލާމާތްތައް ފެނެއެވެ.

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ލަންޑަން އިން ކުރި ދިރާސާ އަށް ފަހު ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައި ވަނީ ކޮވިޑް ޖެހޭ މީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަންނަން ކޮންމެ ގައުމެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި މީހުން ސްކްރީން ކުރެވެން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ ކުރިއަށް އޮތްތަނުގައި އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

56 ގައުމެއްގެ 3762 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަށް ފަހު ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް ޖެހުމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މީހުންނަށް ގިނަ އަސަރުތަކެއް ކުރާ ކަމަށެވެ. ކޮވިޑް ޖެހުމުން ޖިންސީ ގުޅުންތަކަށާއި ހަނދާން ނެތުން ފަދަ ކަންކަމަށް ވެސް އަސަރު ކުރާ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ކޮވިޑްގެ ސަބަބުން ފެންނަ ބައެއް އަލާމާތްތައް ބަލިން ރަނގަޅުވާތާ ހަމަސް ދުވަސް ވަންދެން ވެސް ދެމިހުންނަ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ. ދިރާސާގައި ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވާ ކަންކަމުން އެއްކޮށް ސަލާމަތް ވާން ނަގާނީ ކިހައި ދުވަހެއް ކަން އަދި ބުނަން ވެސް ނޭނގެއެވެ.

ކޮވިޑްގެ އަލާމާތްތައް ހުންނާނީ 12 ހަފްތާއަށް ކަމަށް މީގެ ކުރިން ލަފާކޮށްފައި އޮތް ނަމަވެސްް ކޮލެޖް އޮފް ލަންޑަންގެ ސައިންސްވެރިން އެކަމަށް އެއްބަހެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު