ޖަރުމަނާއި ބެލްޖިއަމްގައި ފެން ބޮޑުވުމުުގެ ސަބަބުން މަރުވި މީހުންގެ އަދަދު 150 އަށް ވުރެ އިތުރުވެއްޖެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ޖަރުމަނުން ބައެއް މީހުން ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ. މިހާރު ރެސްކިއުު ޓީމުން މަސައްކަތް ކުރަނީ ގެއްލިގެން ރިިޕޯޓު ކޮށްފައިވާ މީހުން ހޯދޭތޯއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން 1،300 މީހުން ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އެގައުމުގެ ހުޅަނގުގެ ސްޓޭޓްތައް ކަމަށްވާ ރައިންލެންޑް ޕަލަޓިނެޓް ނޯތު ރިން ވެސްޓްފާލިއާގައެވެ. މީގެ ސަބަބުން އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުުން ބައެއް ބްރިޖްތައް ވެއްޓި، ކަރަންޓުގެ މައްސަލަ ދިމާވެ، އިންޓަނެޓްގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައެވެ.

ޖަރުމަނަވިލާތުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަސްކަރިއްޔާއިންވަނީ ބައެއް ސަރަޙައްދުތަކުގެ ދިރިއުޅޭ މީހުން ސަލާމަތްވުމަށް އިމާރާތްތަކުގެ ފުރާޅުމައްޗަށް އެރުމުން ހެލިކޮޕުޓަރުތަކުގައި ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

އިއްޔެއާ ހިސާބަށް ރިޕޯޓު ކޮށްފައިވާ ގޮތުން ބެލްޖިއަމްއިން ކޯރުތައް ފުރި ބަންޑުންލުމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރައިފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް އެ ހާދިސާގައި ބެލްޖިއަމްއިން ފަސް މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ޖަރުމަނުން 80 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މަރުވި މީހުންގެ ސީދާ އަދަދު އަދި ހާމަ ކޮށްފައެއް ނުވެއެވެ.