ޕާޓީތައް ބޭއްވުމަށް އެންމެ މަޝްހޫރު ގްރީސްގެ އެއްރަށް ކަމަށްވާ މިކޮނަސްގައި މިއުޒިކް ކުޅުން މަނާކޮށްފިއެވެ.

މިކޮނަސްގައި މިއުޒިކް ކުޅުން މަނާކޮށްފައި ވަނީ އެރަށުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިނިންމުމާއިއެކު ރެސްޓޯރެންޓްތަކކާއި ބާތަކުގައި ވެސް މިއުޒިކް ކުޅުން މަނާ ވާނެއެވެ. މިކޮނަސްގައި ރޭގަނޑު ކާފިއު ހިންގަން ވެސް މިހާރު ވަނީ ނިންމާފައެވެ.

މިކޮނަސް އަކީ ޔޫރަޕް މީހުންގެ މެދުގައި ވަރަށް މަގުބޫލު ރަށެކެވެ. ކޮންމެ އަހަރެއްގެ ހޫނު މޫސުމާއި ދިމާކޮށް އެރަށަށް މިލިއަނަކަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ. އެރަށަށް ޒިޔާރަތް ކުރާ މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުން ވެސް ހިމެނެއެވެ.

ގްރީސްގެ ސިވިލް ޕްރޮޓެކްޝަން މިނިސްޓްރީން ބުނާ ގޮތުގައި މިކޮނަސްގައި މެންދަމު 01:00 އިން ހެނދުނު 06:00 އާއި ހަމައަށް ގެއިން ބޭރަށް ނިކުމެވޭނީ ވަޒީފާ އަށް ދިއުމަށް ގެއިން ބޭރަށް ނިކުތުން ވެސް މަނާ ވާނެ ކަމަށެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ގްރީސް އަށް ކޮވިޑް-19 އާއި ގުޅިގެން ވަނީ ބޮޑެތި އިގްތިސޯދީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ފަތުރުވެރިންނަށް ދަތުރު ކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން މިދިޔަ އަހަރު ވެސް ގްރީސްގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވެއެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ސީޒަނާއި ދިމާކޮށް މިކޮނަސްގެ ފިޔަވަޅުތައް ހަރުކަށި ކުރުމުން އެރަށުގެ މޭޔަރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މޭޔަރު ކޯކަސް ވިދާޅުވީ މިކޮނަސްގައި އެޅި ފިޔަވަޅުތަކަކީ އިންސާފުވެރި ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

މިދިޔަ މެއި މަހު ވެސް ގްރީސްގެ ހުރިހާ ސަރަހައްދެއްގެ ރެސްޓޯރެންޓްތަކާއި ބާތަކުގައި މިއުޒިކް ކުޅުން މަނާކުރިއެވެ.

މިކޮނަސްގައި އަޅާފައިވާ ފިޔަވަޅުތައް އަދި ދަމަހައްޓަން ނިންމާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހާއި ހަމައަށެވެ.