ކޮވިޑް-19 ގެ ސަބަބުން ހައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުން އަމަލު ކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފު 20 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފައިވަނީ އުސޫލުތަކާއި ހިލާފުވި މީހުން ޖޫރިމަނާ ކުރަނީ 10،000 ރިޔަލްސް (2،666 އެމެރިކާ ޑޮލަރުން) ކަމަށެވެ. އެހެން ނަމަވެސް އެފަރާތްތަކުން ހިލާފުވެފައިވަނީ އެގައުމުން އަޅާފައިވާ ކޮން ފިޔަވަޅަކަށް ކަމެއް އެ ނޫހުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ހައްޖު ސެކިއުރިޓީ ފޯސެސް ކޮމާންޑްގެ ސްޕޯކްސްޕާސަން ބްރިގޭޑިއާ ސާމި އަލް ޝުވަރެކް ވަނީ ހައްޖުގެ އަޅުކަމަށް ދަތުރު ކުރާ ސައުދީގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުން ހަރުކަށި އުސޫލުތަކަކާއި އެކީ ކުރުމަށް ނިންމާފައިވަނީ ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން ކަމަށް ސައުދީން ބުންޏެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް 60،000 މީހުންނަށް ފުރުސަތު ދީފައިވާއިރު، ސައުދީން ވަނީ ހަރުކަށި ފިޔަވަޅުތަކަށް އަޅާފައެވެ.

އެގޮތުން ހަމަ އެކަނި ހައްޖު ކުރުމުގެ ފުރުސަތު ދީފައިވަނީ 18 އަހަރާއި 65 އަހަރާއި ދެމެދުގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ވެސް އެއްވެސް ކަހަލަ ބައްޔެއް ނެތް މީހުންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ.

ކޮވިޑް-19ގެ ހާލަތު އައުމުގެ ކުރިން ކޮންމެ އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަން މުސްލިމުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދެއެވެ.