ކެންޔާގެ ހުޅަނގުގެ ސަރަހައްދެއްގައި ތެޔޮ ޓޭންކަރެއް ގޮވައި 13 މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ކެންޔާގެ މަލަންގާގެ ސަރަހައްދުގައި މި ހާދިސާ ހިނގާފައިވަނީ އެގައުމުގެ އެންމެ ބާރު ބޮޑު އެއް މަގު ކަމަށްވާ ކިސުމޫ އާއި އުގަންޑާގެ ބޯޑަރު ހިމެނޭ މަގުގައެވެ.

ކެންޔާ ފުލުހުން ބުނީ، އެސަރަހައްދުން 11 މީހެއްގެ ހަށިގަނޑު ފެނުނު ކަމަށާއި އަނެކަކު މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށެވެ.

"ތެޔޮ ލީކުވުމަށްފަހު އެ ޓޭންކަރު ގޮވީ" ފުލުހުން ބުންޏެވެ.

މި ހާދިސާގައި 13 މީހަކު މަރުވިއިރު، އެތައް ބަޔަކު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެކުދިންނަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު، ގައިގެ އެކި ތަންތަން ފިހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އަލިފާނުގެ ހާދިސާއަށްފަހު އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ސަރަހައްދަށް ދެވުނީ ދެ ގަޑިއިރުވަރު ފަހުން ކަމަށެވެ.

މި ހާދިސާ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދި ހޯދިފައެއް ނުވެއެވެ.

އެގައުމުގައި މި ހާދިސާ ހިނގާފައިވާއިރު، 2019 ވަނަ އަހަރުގައި ވެސް މިފަދަ ހާދިސާއެއް އެގައުމުގައި ވަނީ ހިނގާފައެވެ. އެގައުމުގެ ވެރިރަށް ނައިރޯބީ އާއި ކައިރީގައި އޮންނަ މޮލޯގައި އެ އަހަރު ހިނގި ހާދިސާގައި 122 މީހަކު މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.