ނޫސްވެރިންނާއި ސިޔާސީ ލީޑަރުންނަށް ޖާސޫސްކޮށް އެ މީހުންގެ މުއާމަލާތުތައް ބެލުމަށް އިސްރާއިލްގެ ސޮފްޓްވެއާތަކެއް ބޭނުންކޮށްގެން އިންޑިއާގެ ނޫސްވެރިންތަކެއްގެ ފޯން ހެކް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މައުލޫމާތުތައް ބެލުމަށް އަމާޒުކޮށް ހަދާފައިވާ ލިސްޓް ލީކްވެފައިވާއިރު އޭގައި އިންޑިއާގެ 40 ނޫސްވެރިއެއްގެ ފޯނު ނަންބަރު ހިމެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ފޯން ވަނީ އިސްރާއިލްގެ އެންއެސްއޯ ގްރޫޕުން ތައްޔާރުކޮށްފައިވާ ޖާސޫސްކުރުމަށް ހާއްސަ 'ޕެގަސަސް' ސޮފްޓްވެއާ ބޭނުންކޮށްގެން ހެކް ކޮށްފައިކަމަށް އިއްޔެ އާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެއެވެ. އެ ސޮފްޓްވެއާއިން ވައިބާ، ވަޓްސްއަޕް، ވީޗެޓް އަދި ޓެލެގުރާމް ފަދަ ތަންތަނުން ކޮށްފައި ހުންނަ މުއާމަލާތްތައް ވެސް ބެލޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ވަޔާ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން މައުލޫމާތު ލީކްވި ލިސްޓުގައި ފޯން ނަންބަރު ހިމެނިފައިވާ ނޫސްވެރިންނަކީ އިންޑިއާގެ އެންމެ އުހުގައި ފާހަގަ ކޮށްލެވޭ ނޫސް އެޖެންސީތަކުގައި މަސައްކަތްކުރާ ނޫސްވެެރިންނެވެ.

ނޫސްވެރިންގެ ފޯނު ނަންބަރުތަކުގެ އިތުރަށް މި ލިސްޓުގައި ހިމެނެނީ ގައުމުތަކުގެ ވެރިންނާއި ޑިޕްލޮމެންޓުންނާއި، އަރަބި ޝާހީ އާއިލާތަކުގެ މެންބަރުންނާއި، ވިޔަފާރިވެރިންގެ ނަންބަރުތައް ކަމަށްވެސް ވޮޝިންޓަން ޕޯސްޓް ނޫހުން ރިޕޯޓު ކޮށްފައިވެއެވެ. އަދި މި ލިސްޓުގައި ހިމެނުނު ނޫސްވެރިންގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި މީޑިޔާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ހިމެނެއެވެ. އެގޮތުން ރޮއިޓާސް، ވޯލްސްޓްރީޓް ޖާނަލް، ނިއުޔޯކު ޓައިމްސް، އަލްޖަޒީރާ، ފްރާންސް24 ފަދަ ބޮޑެތި މީޑިއާތައް ހިމެނެއެވެ.

އިންޑިއާ ސަރުކާރުން ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ މި އަމަލަކީ އިންޑިއާގެ ސަރުކާރާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ.

މި ސޮފްޓްވެއާ ބޭނުންކޮށްގެން މިހާތަނަށް އިންޑިއާ މީހުން ހިމެނޭހެން 1،400 މީހުންގެ ފޯން ހެކް ކޮށްފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު