ކޮވިޑް-19 ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވެފައި އޮތް އިންޑޮނޭޝިއާގައި ކޮވިޑުން ސަލާމަތް ވާނެ ކަމަށް ބުނެ އެއްވެސް ސައިންޓިފިކް، އަދި ބޭސްވެރިކަމުގެ ގޮތުން ގަބޫލު ނުކުރެވޭ ގިނަ ފަރުވާތަކެއް ދެމުން ގެންދާތީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުން އެންމެ ބޮޑަށް ކަންބޮޑުވަނީ ބާރުގަދަ ބޭހެއް ކަމަށްވާ "އިވަމެކްޓިން" އަކީ ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ އެބޭސް އެކި ފަރާތްތަކުން ވިއްކަމުން ގެންދާތީއެވެ. މިއީ ކޮވިޑް ޖެހޭ މީހުންނަށް ދިނުން ރަނގަޅު ބޭހެއް ކަމަކަށް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް މިބޭސް ކޮވިޑް ބަލި މީހުންނަށް ދެވިދާނެތޯ ބަލަން ތަހްލީލްތަކެއް ކުރަމުން އެބަގެންދެއެވެ. އެތަހްލީލްތަކުގެ ނަތީޖާ ލިބޭނީ އަންނަ އޮކްޓޯބަރ މަހު ކަމަށް ބެލެވެއެވެ.

ދެން އިންޑޮނޭޝިއާގައި އެންމެ އާއްމުކޮށް ބޭނުން ކުރަމުން އަންނަނީ ނެސްލޭ ބެއާ ބްރޭންޑްގެ ކިރު ދަޅެކެވެ. މިކިރު ބޮއެފިނަމަ ކޮވިޑުން ސަލާމަތް ވާނެ ކަމަށް ވާހަކަތައް ފެތުރުމާއިއެކު ކިރުގެ އަގު ވަނީ %455 ބޮޑުވެފައެވެ. މިފަދަ ބުއިމެއްގެ ސަބަބުން ކޮވިޑުން ސަލާމަތް ނުވެވޭނެ ކަމަށް ސިއްހަތާއި ބެހޭ އޮފިޝަލުން ބުނި ނަމަވެސް އިންޑޮނޭޝިއާގެ ގިނަ އާއްމުން އެކަން ގަބޫލެއް ނުކުރެއެވެ.

ގޭގައި ތައްޔާރު ކުރެވޭ ތަފާތު އެއްޗެހިން ވެސް ކޮވިޑުން ސަލާމަތް ވާނެ ކަމަށް ބުނެ ވަނީ އަޑުފެތުރިފައެވެ. އޭގެތެރޭގައި މާމުއި ބޭނުން ކޮށްގެން ތައްޔާރުކުރާ ތަފާތު އެއްޗެހިތައް ވެސް އިންޑޮނޭޝިއާގައި ދަނީ އިސްތިހާރު ކުރަމުންނެވެ.

އިންޑޮނޭޝިއާ ސަރުކާރުން ގެންދަނީ ކޮވިޑުން ރައްކާތެރިވުމަށް އަމިއްލައަށް ބޭސް ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުން ވެސް އިންޑޮނޭޝިއާގައި ދަތިކަމަކަށް ވެފައި ވުމުން ގިނަ ބަޔަކު އަންނަނީ ގޭގައި އަމިއްލައަށް ކޮވިޑަށް "ފަރުވާ ދެމުންނެވެ."

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މުސްލި މް މެޖޯރިޓީ ވީ މަ ވާގޮތް ތީ