ތުރުކީގައި މިއަދު އޮތް ރިޔާސީ އިންތިޚާބުގެ ދެބައިކުޅަ އެއްބައި ވޯޓް މިހާރު ގުނައި ނިމިފައި ވާއިރު މިހާރުގެ ވެސް ރައީސް ޠައްޔިބު އުރުދޮގާން ކުރި ހޯއްދަވައިފިއެވެ.

56 މިލިއަން މީހުންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ އިންތިޚާބުގެ މިހާތަނަށް ސާފުވި ނަތީޖާތައް ދައްކާ ގޮތުން 56.5 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވާފައި ވަނީ އުރުދޮގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) އެވެ.

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދަވަނީ އުރުދޮގާން ކަން ކުރިން ވެސް އޮތީ ޔަގީން ވެފައެވެ. ނަމަވެސް ސެކިއުލާ ވިސްނުމުގެ ޕާޓީއެއް ކަމަށްވާ ރިޕަބްލިކަން ޕީޕާލްސް ޕާޓީގެ ކެންޑިޑޭޓް މުހައްރަމް އިންސްގެ ކެމްޕޭން ވަރުގަދަކޮށްފައި ވާތީ އިންތިޚާބު ދެވަނަ ބުރަަކަށް ހިނގައިދާނެ ކަމަށް އޮތީ ލަފާކުރެވިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުރުދޮގާން އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެކަން އަދިވެސް ކަށަވަރެއް ނުވެއެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ފެށުމާއި އެކު ތުރުކީގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ދައުލަތުގެ މީޑިއާ އަށް އަމާޒުވެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ދައުލަތުގެ މީޑިއާ އިން ގެންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އުރުދޮގާން އަށް އިންތިޚާބު އެއްބުރުން ކާމިޔާބެއް ނުކުރެވޭނެއެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓް ލުމަށް 87 އިންސައްތަ މީހުން ނިކުމެފައިވާ ކަމަށް ވެއެވެ.

މިއަދުގެ އިންތިޚާބު އުރުދޮގާން ކާމިޔާބު ކުރައްވައިފިނަމަ އެއީ ތުރުކީގެ ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރުމުގައި އުުރުދޮގާން އަނެއްކާވެސް ހޯއްދަވާ ބޮޑު ކާމިޔާބަކަށް ވާނެއެވެ.