ޗައިނާގެ ސެންޓްރަލް ހެނާން ޕްރޮވިންސުގެ ވެރިރަށް ޒެންޒޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 16 މީހަކު މަރުވެއްޖެއެވެ.

ޗައިނާގެ މޫސުމާބެހޭ އިދާރާތަކުން ރިޕޯޓުކުރާގޮތުގައި ފާއިތުވި 1،000 އަހަރުވެސް މިހާރުވެހޭވަރަށް އެޤައުމަށް ވާރޭ ވެހިފައި ނުވެއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި މިހާރު އެޤައުމަށް ކުރާ ވިއްސާރައިގައި ބައެއް ހިސާބުތަކުން މީހުންގެ ކަރާ ހިސާބަށް ފެންބޮޑުވެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގެ ދަތުރުފަތުރުކުރުން އެއްކޮށް ހުއްޓާލަން ޖެހިފައިވާއިރު ބައެއް ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

އަދި މީގެ އިތުރުން، ކުރިއަށް އޮތް ތިންދުވަސްތެރޭގައި ހެނާން ޕްރޮވިންސަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ޗައިނާގެ ޕީޕަލް ލިބެރޭޝަން އާމީގެ 3،000 ސިފައިން މިހާރު ވަނީ މީހުންނަށް އެހީތެރިވުމަށާއި މީހުން ހޯދުމުގައި މަސައްކަތް ކުރަން ނުކުމެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހާއި ދެމެދު 617.1 މިލިމީޓަރުގެ ޒެންޒޫ އަށް ވާރޭވެހިފައިވެއެވެ. ޒެންޒޫއަށް އަހަރަކު 640.8 މިލިމީޓަރުގެ ވާރޭ ވެހޭއިރު، މިއީ ބޮޑު އަދަދެއްކަން ފާހަގަ ކުރެވެއެވެ.

ސައިންސްވެރިން ބުނާގޮތުގައި މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް އަންނަ މޫސުމީ ބަދަލުތަކަކީ އޯޒޯން ލޭޔަރ ތުނިވުމުގެ ސަބަބުން އަންނަ ބަދަލުތަކެވެ. ޗައިނާ އަށް ވިއްސާރަކުރާއިރު އެމެރިކާ އަދި ކެނެޑާގެ ފިނިހޫނުމިން ދަނީ އިންތިހާ ދަރަޖައަށް އިތުރުވަމުންނެވެ.

ހޮންގް ކޯންގުގެ ޕްރޮފެސަރެއް ކަމަށްވާ ޖޯނީ ޗަންގް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުމަށް ހީނުކުރާހާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާއި މިހާރުއްސުރެ ހާއްސަ އުސޫލުތަކަކާއި ގަވާއިދުތަކެއް ސަރުކާރުން ހަދަން ޖެހިފައިވާކަމަށެވެ.

100 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ހެނާން ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެ ސަރައްހަދުގެ ރޭލް ދަތުރުތަކާއި މަތިންދާބޯޓުގެ އުދުހުންތައް ވަނީ ހުއްޓިފައެވެ. އަދި ހަލިމަގުތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    މުސްލިމުންނަށް އިހާނެތިކޮށް ހިތާތީ އައި ކޯފާ އަކަށް ވެސްވެދާނެ. ވިސްނާ