އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކު ދޫނި ރޯގާ ޖެހިގެން މަރުވެއްޖެއެވެ.

އޭއައިއައިއެމްސް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އެ ކުއްޖާ މަރުވެފައި ވަނީ ޖުލައި 11 ވަނަ ދުވަހުއެވެ. އެ ކުއްޖާއަކީ ޖުލައި ދެވަނަ ދުވަހު ނިއުމީނިއާ އާއި ލިއުކޭމިއާ ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ކުއްޖެކެވެ.

އެ ކުއްޖާ އެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައި، ކޮވިޑް-19 އަށާއި، އިންފްލުއެންޒާއަށް ޓެސްޓުކުރިއެވެ.

"އޭނާގެ ކޮވިޑްގެ ސުންކު ވަނީ ނައްސިވެފައި އެކަމަކު އިންފްލުއެންޒާއަށް ފައްސިވި، އެކަމަކު އެއީ ކޮން ވައްތަރެއްކަން ނޭނގެ، މިއާއެކު ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އިފް ވަޔަރޮލޮޖީއަށް ސުންކު ފޮނުވައިގެން ހެދި ޓެސްޓުތަކުން އޭނާ އެޗް5އެން1 އޭވިއަން އިންފުލުއެންޒާ (ދޫނީ ރޯގާ)އަށް ފައްސިކަން ވަނީ އެނގިފައި،"ޕީޓީއައި ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.

މިއާއެކު ނޭޝަނަލް ސެންޓަރ އޮފް ޑިޒީސް ކޮންޓްރޯލް އިން ވަނީ، އެ ކުއްޖާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ފަށައި، އިތުރު ވޭދަނަތަކެއް އުޅޭތޯ ބަލަން ފަށާއެވެ.

އެޗް5އެން1އަކީ ދޫނި ރޯގާގެ އެންމެ ނުރައްކާތެރި އެއް ވައްތަރެވެ. މި ވައިރަސް އިންސާނުންނަށް ޖެހެނީ މަދުފަހަރެއްގައި ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އާއްމުކޮށް ދޫނި ރޯގާގެގެ ނުރައްކާތެރި ވައްތަރު ޖެހެނީ ކުކުޅު ފަދަ ތަކެއްޗަށެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މީގެ ކުރިންވެސް ދޫނި ރޯގާ ފެތުރުނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަސް ތެރޭގައި އިންޑިއާއިން ދޫނި ރޯގާގެ ވޭދަނަތަކެއް ފެންމަތިވިއެވެ.