ހެއިޓީގެ ރައީސް ޖުވެނަލް މޮއިސް އަވަހާރަކޮށްލިތާ ދެ ހަފްތާ ނުވަނީސް އެގައުމަށް އާ ބޮޑުވަޒީރެއް އައްޔަން ކޮށްފިއެވެ.

މޮއިސް އަވަހާރަކޮށްލުމުގެ ކުރިން އެރިއެލް ހެންރީއަށް ބޮޑުވަޒީރުކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މޮއިސް އަވަހާރަކޮށްލުމާއި ގުޅިގެން ބޮޑުވަޒީރު ހަވާލުކުރުން އޮތީ މަޑުޖެހިފައެވެ.

މޮއިސް އަވަހާރަވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރުކަމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވީ ޖޯލެޑް ޖޯސެފްއެވެ. ހެންރީއަށް އެ މަގާމު ހަވާލުކުރުމަށް ނިންމާފައިވަނިކޮށް ވަގުތީގޮތުން ވެސް އެހެން މީހެއް މަގާމާއި ހަވާލުވުމުން ގައުމުގެ ރައްޔިތުން އައީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް މި ހަފްތާ ފެށުމުން ޖޯސެފް ވަނީ ގައުމުގެ މަސްލަހަތާއި ކުރިއެރުމަށް ބަލައި ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ހާމަ ކޮށްފައެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މި މަހު 19 ވަނަ ދުވަހުއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމާއި ހަވާލުވެލައްވައި ހެންރީ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމުގެ ސަލާމަތާއި ހަމަޖެހުން ގެނައުމަށް ކަމަށެވެ.

ހެއިޓީގައި ސިޔާސީގޮތުން ހަމަނުޖެހުން އުފެދި ހައިޖާނު އުފެދިފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. ސިޔާސީ ހަމަނުޖެހުން ތަކުގެ އިތުރުން އެގައުމުގެ މާލީ ހާލަތުވެސް ވަނީ ގޯސްވެފައެވެ. 2010 ވަނަ އަހަރު ހެއިޓީއަށް ކުރިމަތިވި ބިންހެލުމާއި، 2016 ވަނަ އަހަރު ކުރިމަތިވި ތޫފާނުގެ ސަބަބުން އެގައުމަށް ވަނީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ހެއިޓީގެ ހާލަތު ކޮވިޑާއި ގުޅިގެން ވަނީ އިތުރަށް ގޯސްވެފައެވެ. އެއީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ހުއްޓި ފަތުރުވެރިންނަށް އެގައުމަށް ޒިޔާރަތް ނުކުރެވޭތީ އާމްދަނީ ދަށް ވުމުންނެވެ.