ކޮވިޑް-19 އުފެދުނު ގޮތް ބެލުމަށް ޗައިނާ އިން ދެކޮޅު ހަދައިފިއެވެ.

ޗައިނާއިން ކޮވިޑް އުފެދުނު ގޮތް ބެލުމަށް ދެކޮޅު ހަދާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފޮނުވި ޕްރޮޕޯސަލް ބަލައިނުގަނެ އަނބުރާ ފޮނުވާލައިގެންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ޗައިނާ އަށް ފޮނުވި ޕްރޮޕޯސަލްގައި އެދުނީ ކޮވިޑް އުފެދުނު ގޮތް ބެލުމަށް ޗައިނާގެ ވުހާން ސިޓީއަށް ދިރާސާކުރާ ޓީމުތަކުން ގޮސް ވައިރަސް އައީ ކިހިނެއްތޯ ދެނެގަތުމަށެވެ.

ޗައިނާގެ ނެޝެނަލް ހެލްތް ކޮމިޝަންގެ ވައިސް މިނިސްޓަރު ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ޗައިނާގެ ވުހާން ސިޓީގެ ހިސާބުތަކަށް އަނެއްކާ ދިއުމަށް ބޭނުންވާތީ ހައިރާންވާކަމަށެވެ. މި އަހަރުގެ ކުރީކޮޅުގައިވެސް ޑަބްލިއުއެޗްއޯގެ ދިރާސާ ކުރާ ޓީމުތަކުން ވުހާން ސިޓީގެ އެކި ހިސާބުތަކަށް ގޮސްފައި ވެއެވެ.

ކޮވިޑް-19 އަކީ ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސުގެ ޖަނަވާރުގެ މަސް ވިއްކާ މާރުކޭޓަކުން އުފެދުނު ވައިރަހެއް ކަމަށް އެކި ގައުމުތަކުން ބުނެއެވެ. އަދި މި ވައިރަސް ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރުނީވެސް ޗައިނާ އިން ކަމަށް ތުހުމަތުކުރެއެވެ.

ވުހާން ނެޝެނަލް ބަޔޯސެފްޓީ ލެބޯރޭޓަރީ އިންވެސް މީގެ ކުރިން ބުނެފައި ވަނީ ކޮވިޑް ވައިރަސް އަކީ ސެންޓްރަލް ޗައިނާގެ ލެބޯރޭޓަރީއަކުން ބޭރުވި އެއްޗެއް ކަމަށެވެ. ނަމަވެސް މި ހުރިހާ ތުހުމަތުތަކަށް މިއަދާއި ހަމައަށްވެސް ޗައިނާއިން ވަނީ ދެކޮޅު ހަދައިފައެވެ.

ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން މި ވައިރަސް ފެނިފައިވާއިރު އަލަށް އެތައް ވޭރިއެންޓެއް އުފެދި އެތައް މިލިއަން ބަޔަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.