ހައްޖުގެ އަޅުކަން ކުރިއަށް ދަނިކޮށް ކައުބަތުﷲ ގެފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެއެވެ.

ކައުބަތުﷲ ގެފުޅާއި މަސްޖިދުލް ހަރަމްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުރަތަމަ ފަހަރަށް އަންހެނުން ބައިވެރިވާން ފެށީ މިއަހަރުގެ އޭޕްރީލް މަހުއެވެ. މިއަހަރުގެ ހައްޖު މޫސުމަކީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ގެފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އަންހެނުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ގެފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަރަކާތްތެރިވި މުނާ "ރޮއިޓާސް" އަށް މައުލޫމާތު ދެމުން ބުނީ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ ގެފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބައިވެރިވުމަކީ ހާއްސަ ޝަރަފަކާއި ހާއްސަ އުފަލެއް އިހްސާސް ކުރެވުނު ކަމެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހްދުގެ މަގާމަށް މުހައްމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން އަންހެނުންނަށް ސައުދީ އަރަބިއްޔާގައި އަންނަނީ އިތުރު ފުރުސަތުތައް ދެމުންނެވެ. މިއަހަރު ވަނީ މަހްރަމަކާއި ނުލައި ހައްޖު ވުމުގެ ހުއްދަ ވެސް އަންހެނުންނަށް ދީފައެވެ.

މީގެ ކުރިން ވަނީ އަންހެނުންނަށް ޑްރައިވިން ލައިސަންސް ވެސް ދޫކޮށްފައެވެ. އަދި މަހްރަމެއް ނެތި ދަތުރު ކުރުމުގެ ހުއްދަ ވެސް ދީފައެވެ.

މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 އަށް ވާސިލް ވުމަށް ސައުދީ އަރަބިއްޔާ އިން ގެންދަނީ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދީ އަންހެނުންނަށް އޮންނަ ފުރުސަތުތައް އިތުރު ކޮށްދެމުންނެވެ. ނަމަވެސް އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އަންހެނުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ހުކުމް އިއްވާ މައްސަލައިގައި އަދިވެސް ސައުދީ އަރަބިއްޔާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ސާބަހޭ ސައޫދީ އަރަބިއްޔާ. އެކަމު އަދިވެސް ކަލޭމެން ތިއޮތީ ދީނީގޮތުން ރާއްޖެއައްވުރެ ހާސްބައި ފަހަތުގަ.