ނުރައްކާތެރި ކޮވިޑް-19 އިން ދިފާއު ވުމަށް އެތައް މަހެއްގެ ބުރަ މަސައްކަތުން ދުނިޔޭގެ ސައިންސުވެރިން އުފައްދާފައިވާ ވެކްސިން ޖެހުމުން ޖިންނި މޮޔަވެދާނެ ކަމަށް ބުނެ މެކްސިކޯގެ ބައެއް ހިސާބުތަކުގައި ވެކްސިން ޖަހަން ދެކޮޅު ހަދަން ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މެކްސިކޯގެ ބައެއް ހިސާބުތަކުގެ މީހުން ވެކްސިން ޖެހުމާ ދެކޮޅު ހަދަނީ ވަޓްސްއެޕް މެދުވެރިކޮށް ދޮގު ވާހަކަތައް ފަތުރައި އެ ވާހަކަތައް ރައްޔިތުން ގަބޫލު ކުރަމުންދާތީއެވެ.

މެކްސިކޯގެ ކޮކުއިލްޓީލް އާއި އާބާދީ މަދު ބައެއް ހިސާބުތަކުގެ ބައެއް މީހުންނަށް ވަޓްސްއެޕް މެދުވެރިކޮށް ލިބިފައިވާ މެސެޖުތަކުގައި ބުނާ ގޮތުގައި ވެކްސިނަކީ ސަރުކާރުން އާބާދީ މަދުކުރުމަށް ފައްޓައިގެން އުޅޭ ހަރަކާތެކެވެ. ވެކްސިން ޖަހައިގެން ދެ އަހަރުފަހުން މަރުވެދާނެ ކަމަށް ބައެއް މީހުން ބުނާ އިރު ވެކްސިން ޖަހާ މީހުންނަށް ޖިންނީންގެ އުނދަގޫ ވެސް ޖެހޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މެކްސިކޯގެ އާބާދީގެ 30 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ އިރު އާބާދީ މަދު ބައެއް ސަރަހައްދުތަކުގައި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ދެ އިންސައްތައިގައި ވެސް އުޅެއެވެ.

ފާއިތުވި ހަފްތާގައި މެކްސިކޯގެ ރައީސް އެންޑްރެސް މެނުއެލް ލޮޕެޒް އޮބްރާޑާވެސް ވަނީ އެ ގައުމުގައި ވެކްސިން ޖަހާ ފަރާތްތައް ނިސްބަތުން މަދުކަން ފާހަގަ ކުރައްވައިފައެވެ.

މެކްސިކޯގެ ބައެއް ހިސާބުތަކުގައި ވެކްސިން ޖެހުމާ ދެކޮޅުހަދާ އަނެއް ސަބަބަކީ އެމީހުން ބުނާ ގޮތުގައި އެމީހުންނަކީ ދުޅަހެޔޮކޮށް ތިބޭ ކަސްރަތާއި ރައްޓެހި ބަޔަކަށްވުމުންނެވެ. އަދި އަވަށުން ބޭރަށް ނުދާތީ ވެކްސިން ޖެހުމުގެ މާނައެއްވެސް ނެތްކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.