އޮސްޓްރޭލިއާގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމްތައް އެންމެ އެދެވޭ ގޮތަށް ބާރު ދުވެލީގައި ނުގެންދެވޭތީ އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން މައާފަށް އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވީ މި އަހަރު ފެށުމުގެ ކުރިން މަސައްކަތް ކުރުމަށް ރޭވިފައިވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ކިބައިން މޮރިސަން ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

މޮރިސަން މައާފަށް އެދިވަޑައިގެންފައިވަނީ އެގައުމުގައި ކޮވިޑް ހާލަތު ގޯސްވެ، ގައުމުގެ ދެބައިކޮށްފަ އެއްބައި ސަރަހައްދުތައް ފުރަބަންދުކޮށް ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވުމާ ގުޅިގެން ކޮވިޑުން ދިފާއުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ގެދޮރު އިމާރާތްކުރުމަށް ހާއްސަ ކޮށްފައިވާ ސައިޓުތައް ބަންދުކޮށް، އޮފީހަށް މުވައްޒަފުން ހާޒިރުކޮށްގެން މަސައްކަތް ކުރުވާ ވެރިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފިއެވެ.

ފަސް މިލިއަން މީހުންގެ އާބާދީ އޮންނަ އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ ފުރަބަންދު ކޮށްފައި އޮންނަނީ ޖޫން މަހުގެ 26ވަނަ ދުވަހުން ފެށިގެންނެވެ. ޖުލައި 30ވަނަ ދުވަހު ފުރަަބަންދަށް ލުއި ދިނުމަށް ނިންމާފައިވަނިކޮށް އަނެއްކާވެސް ވޭދަނަތައް އިތުރުވެފައިވުމުން ފުރަބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އެގައުމުން މިހާތަނަށް 32,427 މީހުން ކޮވިޑަށް ފައްސިވެ، ބަލީގައި 915 މީހަކު މަރުވެފައިވެއެވެ. އަދި މިހާތަނަށް އެގައުމުން ވެކްސިން ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު ވަނީ 2.99 މިލިއަނަށް އަރާފައެވެ. އެއީ އާބާދީގެ 11.8 އިންސައްތަ މީހުންނެވެ.