ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްގައި، ފްލައިދުބާއީގެ މަތިންދާ ބޯޓަކާއި، ގަލްފް އެއާގެ މަތިންދާ ބޯޓެއް ޖެހިގެން ކުޑަ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ އެ އެއާޕޯޓްގެ ޓެކްސީ ވޭގައެވެ. މި ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައެއް ނުވެއެވެ.

ފްލައިދުބާއީން ބުނީ، އެ އެއާލަައިންގެ 737-800އެސް ކްރިގިސްޓާނަށް ދަތުރު ކުރަން ތައްޔާރުވަމުން ދަނިކޮށް ކުޑަ ހާދިސާއެއް ހިނގީ ކަމަށާއި، މިއާއެކު ބޯޓު ނުފުރާ މަޑު ކުރި ކަމަށެވެ. އަދި ފަސެންޖަރުން ފުރުވަފައި ވަނީ އެހެން ފްލައިޓެއްގައި ހަ ގަޑިއިރު ފަހުން ކަމަށްވެސް ބުނެފައި ވެއެވެ.

ފްލައިދުބާއީން ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މިކަން ތަހުގީގު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ ފްލައިދުބާއީ ފްލައިޓްގެ ފިޔަގަނޑާއި، ގަލްފް އެއާ ބޯޓެއްގެ ފަހަތު ޓެއިލް ޖެހިގެންް ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ގަލްފް އެއާއިން ވަނީވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެއީ ކޮން އެއާލައިނެއްގެ ފްލައިޓެއްގައި ޖެހިގެންކަން ހާމަކޮށްފައެއް ނުވެއެވެ.

ދުބާއީ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އިންޓަނޭޝަނަލް އެއާޕޯޓެވެ. ކޮވިޑްގެ ކުރިން އެ އެއާޕޯޓްގެ ބާރުބޮޑުކަމުގެ ވާހަކަ އަބަދުވެސް ދައްކައެވެ.

އެ އެއާޕޯޓުން ބުނެފައި ވަނީ، މި ދެ ބޯޓު ޖެހުނު ހާދިސާއާ ގުޅިގެންް ދެ ރަންވޭއެއް ދެ ގަޑިއިރަށް ބަންދު ކުރަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް އޮޕަރޭޝަނަށް ބުރޫ އަރާފައި ނުވާ ކަމަށް ބުނެފައި ވެއެވެ.