ފަނަރަހާސް އަހަރުވެފައިވާ ވައިރަސްތަކެއް ސައިންސްވެރިން ޗައިނާއިން ހޯދައިފިއެވެ.

ޗައިނާގެ ޓިބެޓަން ޕްލެޓިއުއިން ހޯދާފައިވާ މި ވައިރަސް ތަކުގެ ތެރެއިން ގިނައީ މިހާތަނަށް ހޯދާފައިވާ ވައިރަސްތަކުގެ ތެރެއިން ވެސް އެއްވެސް ވައިރަސް އަކާއި ދިމާވާ ވައްތަރެއްގެ ވައިރަސްތަކެއް ނޫން ކަމަށް ސައިސްވެރިން ވަނީ ބުނެފައެވެ.

ޓިބެޓަން ޕްލެޓިއުއިން އަކީ ޗައިނާގެ އައިސް ނުވަތަ ސްނޯ ފަރުބަދަތައް ހުންނަ ސަރަހައްދެކެވެ.

މައިކްރޯބަޔޯމްގައި ހިއްސާ ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެވައިރަސްތަކުގެ ސަބަބުން ސައިންސްވެރިންނަށް އޭގެ ތަހުލީލުތައް ހަދަން ފަސޭހަވާނެ ކަމަށާއި އެވައިރަސްތައް އައިސްފައިވާ ގޮތްވެސް ދަނެގަނެވޭނެ ކަމަށެވެ.

ދާދިފަހުން ސައިންސްވެރިން މިކަން ހާމަކޮށްފައިވީ ނަމަވެސް މި ވައިރަސްތައް އުޅޭކަން ސައިންސްވެރިންނަށް އެނގިފައިވަނީ 2015 ވަނަ އަހަރު ނަގާފައިވ ސުންކުތަކުންނެވެ. އެސުންކުތައް ނަގާފައިވަނީ 22،000 ފޫޓު އުސް ފަރުބަދަ މަތިންނެވެ.

މި ވައިރަސްތަކަށް ހެދި ތަހުލީލުތައް ދައްކާ ގޮތުން 15،000 އަހަރު ވެފައިވާ ކަމަށް ބެލެވޭ 33 ވައިރަސްއެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ބައެއް ވައިރަސްތަކަކީ އާއްމުންގެ ދިރިއުޅުމުގައި ފެނިފައިވާ ވައިރަސްތައް ނަމަވެސް 28 ވައްތަރަކީ އެއީ އިންސާނުންނަށް ނޭނގޭ ވައިރަސް ކަމަށް ވަނީ ބުނެފައެވެ.

ސައިންސްވެިރން ބުނާ ގޮތުގައި މި ވައިރަސްތައް އެހާ ގިނަ ދުވަސްވަންދެން މަރުނުވެ ތިބީ ގަނޑުފެނުގެ ސަބަބުންނެވެ. ވައިރަސްތަކުގައި އެއްގޮތް ކަމެއް ނެތުމުން ސައިންސްވެރިންނަށް ވަނީ އެ ވައިރަސްތަކަށް ނަންތައް ދޭނެ ގޮތެއް ނޭނގިފައެވެ.

މި ވައިރަސްތައް ފެނުނު ނަމަވެސް، މި ވައިރަސްތަކުގެ ސަބަބުން އިންސާނުންނަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރެއް ސައިންސްވެރިން ދީފައެއް ނުވެއެވެ.