އިންޑިއާ ސަރުކާރަށާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ ނޫސް ކަމަށްވާ "ޑައިނިކް ބަސްކަރު"ގެ އޮފީސްތަކަށް އެގައުމުގެ ޓެކްސް އޮތޯރިޓީގެ އޮފިޝަލުން ވަދެ، ފާސްކޮށް އެތައް ލިޔެކިޔުމެއް ގެންގޮސްފިއެވެ.

ވެރިރަށް ނިއުދިއްލީގެ އިތުރުން އިންޑިއާގެ އެހެން ސަރަހައްދުތަކުގައި ހުންނަ އެނޫހުގެ އޮފީސްތަކަށް ވެސް ޓެކްސް އޮތޯރިޓީގެ އޮފިޝަލުން ވަނީ ވަދެގެންފައެވެ. ޓެކްސް އޮތޯރިޓީގެ އޮފިޝަލުން ވަން އޮފީސްތަކުގެ ތެރޭގައި ގުޖުރާތު، މަދްޔަ ޕްރަދޭޝް އަދި މަހާރާސްތުރައިގަ ހުންނަ އޮފީސްތައް ހިމެނެއެވެ.

"ޑައިނިކް ބަސްކަރު" ނޫހަކީ އިންޑިއާގެ އެންމެ ގިނަ ބަޔަކު ގަންނަ ދުވަހު ނޫހެވެ. އެނޫހުން ގެންދަނީ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ސަރުކާރުން ކަންތައް ކުރަމުން އަންނަ ދޯހަޅި ގޮތްތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑްގައި މަރުވި ގިނަ ބައެއްގެ ހަށިތައް ގަންގާ ކޯރަށް އެޅުމުން އެހަށިތައް ލެއްގި މައްސަލަ ވެސް ފުރަތަމަ ސަމާލުކަމަށް ގެނައި އެއްނޫހަކީ "ޑައިނިކް ބަސްކަރު" އެވެ.

އަދި ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދުތައް ސަރުކާރުން އޮޅުވާލަމުން ގެންދާ ކަމަށް ބުނެ އެންމެ ގިނައިން ސަރުކާރުގެ އޮފިޝަލުންނާއި ސުވާލު ކުރަމުން އަންނަނީ ވެސް އެނޫހުންނެވެ. އިންޑިއާ އިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު އުޅެނީ ހަތަރު ލައްކައިގައި ކަމަށް އެގައުމުގެ ސަރުކާރުން ބުނި ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާ އިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 3.4 މިލިއަނާއި 4.9 މިލިއަނާއި ދެމެދުގެ އަދަދަކަށް އަރާނެއެވެ.

63 އަހަރުވީ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެނޫހުގެ އޮފީސްތަކަށް ޓެކްސް އޮތޯރިޓީގެ އޮފިޝަލުން ވަދެގަތީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންތައްތަކުގެ އަސްލު މަންޒަރު ރައްޔިތުންނަށް ގެނެސްދިނުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުވަން ކަމަށެވެ.

ޓެކްސް އޮތޯރިޓީން ނޫހުގެ އޮފީހަށް ވަން ނަމަވެސް ނޫސްވެރިން ކުރަމުން އަންނަ މަސައްކަތައް ބަދަލެއް ނުގެންނާނެ ކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ ގޮތުގައި ވެސް އިންޑިއާ އަކީ މިހާރު ނޫސްވެރިންނަށް އެންމެ ނުރައްކާ އެއްގައުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އިންޑިއާ އިތީ 142 ވަނައިގައެވެ. އެއީ 180 ގައުމު ހިމެނޭ ލިސްޓެކެވެ.