އަވަހާރަކޮށްލާފައިވާ ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސްގެ ޖަނާޒާ މިއަދު ކުރިއަށް ދަނިކޮށް އޭނާގެ ސަޕޯޓަރުން ވައިގެ ތެރެއަށް ބަޑި ޖަހަން ފެށުމުން މަސްރަހު ހޫނުވެއްޖެއެވެ. މޮއިސްގެ ސަޕޯޓަރުން ވައިގެ ތެރެއަށް ވަޑިޖެހީ، "އިންސާފު ކޮބާތޯ؟" ސުވާލުކޮށް އަޑުގަދަ ކުރަމުންނެވެ.

މޮއިސްގެ ޖަނާޒާގައި އެމެރިކާގެ ވަފްދަކާއި އދ.ގެ ވަފްދެއް ވެސް ބައިވެރިވިއެވެ. ނަމަވެސް ޖަނާޒާގެ ތެރޭގައި ބަޑި ޖަހަން ފެށުމުން އެމެރިކާގެ ވަފްދާއި އދ.ގެ ވަފްދު ވަނީ ޖަނާޒާ ކުރިއަށް ދިޔަ ސަރަހައްދުން ދުރަސް ވަޑައިގެންފައެވެ.

މޮއިސްގެ ޖަނާޒާގައި އަނބިކަނބަލުންނާއި ތިން ދަރިކަލުންނާއި އާއިލާ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

ޖަނާޒާގައި ބައިވެރިވި ހެއިޓީގެ ފުލުހުންގެ ވެރިޔާ ޗާލްސް އާއި މޮއިސްގެ ސަޕޯޓަރުން ވަނީ ދިމާކޮށްލާފައެވެ. މޮއިސްގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޗާލްސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، އޭނާ މޮއިސްގެ ޖަނާޒާގައި ބައިވެރިވެގެން ނުވާނެ ކަމަށް ބުނެ ސަޕޯޓަރުން އަޑުއުފުލިއެވެ.

މޮއިސް އޭނާގެ ގޭގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައި ވަނީ ޖުލައި މަހުގެ 07 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އޭނާ އަވަހާރަކޮށްލި މައްސަލައިގައި ކުރިން ކޮލަމްބިއާ ސިފައިންގެ ތެރޭގައި މަސައްކަތް ކުރި 26 މީހަކާއި އަސްކަރީ ތަމްރީނުތައް ލިބިފައިވާ އެމެރިކާގެ ހަމީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ހެއިޓީގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެމެރިކާ ސިފައިން ފޮނުވައި ދިނުމަށް ހެއިޓީ ސަރުކާރުން ވަނީ އެދިފައެވެ. ނަމަވެސް އެމެރިކާ އިން ވަނީ ހެއިޓީއަށް ސިފައިން ފޮނުވަން ދެކޮޅު ހަދާފައެވެ. އެމެރިކާ އިން ހެއިޓީއަށް ސިފައިން ނުފޮނުވި ނަމަވެސް ހެއިޓީގެ ހާލަތު ބަލަން އެމެރިކާގެ ހާއްސަ މަންދޫބަކު ހެއިޓީއަށް ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.