ޕާކިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާ ކަމަށް އެ ގައުމުގެ ނެޝެނަލް ކޮމަންޑް އެންޑް އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ) އިން ބުނެފިއެވެ.

ކޮވިޑުގެ ތިންވަނަ ރާޅެއް ޕާކިސްތާނަށް އަރާފައިވާ އިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އެ ގައުމުން 1،425 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.

އެންސީއޯސީ އިން ބުނި ގޮތުގައި ޕާކިސްތާނުގައި އެންމެ ވޮޑަށް ކޮވިޑް ފެތުރިފައި އޮތް ހިސާބަކީ ސިންދް ޕްރޮވިންސްއެވެ. އެ ޕްރޮވިންސުން 362,182 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު ޕަންޖާބް ޕްރޮވިންސުން ބަލި ޖެހިފައިވާ މީހުންގެ އަދަދު 351,707 އަށް އަރައެވެ.

ކޮވިޑް ޖެހިގެން ޕާކިސްތާނުން މިހާތަނަށް 22,939 މީހުން މަރުވެފައިވާއިރު 2,525 މީހުން މިހާރުވެސް ތިބީ ނާޒުކު ހާލަތުގައި ކަމަށް އެންސީއޯސީ އިން ފާހަގަ ކުރެއެވެ.

ޕާކިސްތާނުގައި އެކްޓިވް 53,623 ވޭދަނަ އުޅޭއިރު ބަލިން ފަސޭހަވި މީހުންގެ އަދަދު އުޅެނީ 923,472 ގައެވެ.

އެންސީއޯސީ އިން ބުނީ ޕާކިސްތާނަށް ކޮވިޑުގެ ހަތަރު ވަނަ ރާޅެއް އަރަން ތައްޔާރުވެފައިވާ އިރު ކޮވިޑުގެ އާ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓުގެ އަސަރު ވަނީ ފޯރަން ފަށައިފައެވެ.

ދާދިފަހުން ޕާކިސްތާނުގެ ކަރާޗީގައި ހެދި ސާވޭއެއް ދައްކާ ގޮތުގައި އެ ސަރަހައްދުގައި ކޮވިޑް ޖެހިފައިތިބި 100 އިންސައްތަ މީހުން ފައްސިވެފައި ވަނީ ޑެލްޓާ ވޭރިއެންޓަށެވެ.

ޕާކިސްތާނަކީ އެއް ސަރަހައްދެއްގައި އެތައް ބަޔަކު ދިރިއުޅެމުންދާ ޕްރޮވިންސްތަކެއް ހުރި ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު