ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ފޯނު ހެކަރުން ޖާސޫސް ކުރި މައްސަލަ ބަލައި ދިނުމަށް އިސްރާއީލްގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްއަށް އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް މެކްރޮން، އިސްރާއީލްގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްއަށް ފޯނު ކުރައްވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެމަނިކުފާނުގެ ފޯނު ހެކްކޮށް އެމަނިކުފާނަށް ޖާސޫސު ކުރަންޖެހޭ ސަބަބެއް އެނގެން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޗެނަލް 12 ބުނީ މި ހާދިސާ ހިނގައިދިޔަ ގޮތް ރަސްމީ ލިޔުމެއްގެ ސިފައިގައި ބޭނުންފުޅުވާ ކަމަށް މެކްރޮން ވިދާޅުވެފައިވާކަމަށެވެ.

ފްރާންސްގެ ރައީސްގެ ކަންބޮޑުވުން މި މައްސަލައިގައި ހުރި އިރު އިސްރާއީލްގެ ސައިބާ ސެކުއިރިޓީ ކުންފުނި، އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ ޖާސޫސީ ސޮފްޓްވެއާ، ޕެގަސަސް ބޭނުން ކޮށްގެން 50،000 މީހުންގެ ފޯނު ވަނީ ހެކްކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފްރާންސް ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ފްރާންސް ސަރުކާރުގެ 16 މީހެއްގެ ފޯނު ވަނީ ހެކްކޮށްފައެވެ.

ޕަގަސަސް ބޭނުންކޮށްގެން މީހުންގެ ފޯނުތައް ހެކްކުރަނީ އެމީހުންނަށް ނޭނގި އޮޓޯއިން ފޯނަށް އެ އެޕްލިކޭޝަން ޑައުންލޯޑް ވެގެންނެވެ. ޕަގަސަސް އިން މީހުންގެ ފޯނުން ކުރާ ހުރިހާކަމެއް ދެނެގަންނައިރު ފޯނުގެ ވެރިވަފަރާތެއް ނޭނގި ފޯނުގެ ކެމެރާއިން ހުރިހާ މަންޒަރެއް އަދި އަޑެއްވެސް ނަގައިގަނެއެވެ.

މި މައްސަލައާ ގުޅިގެން ރައީސް މެކްރޮން ވަނީ ގައުމީ ސަލާމަތީ ބާރުތަކާއި ހާއްސަ ބައްދަލުވުމެއްވެސް ބާއްވައިފައެވެ. މެކްރޮން ވަނީ ދާދިފަހުން އޭނާގެ ފޯނާއި ފޯނު ނަންބަރުވެސް ބަދަލު ކުރައްވައިފައެވެ.