ޗައިނާ އިން އުއީގާ މުސްލިމުންނާ މެދު ކަންތައްތައް ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހި ނެދަލެންޑްސްގެ އާންހެމް ސިޓީން ޗައިނާއާ އޮތް ގުޅުން ކަނޑާލައިފިއެވެ.

އާންހެމް ސިޓީގެ ކައުންސިލްގެ މެޖޯރިޓީން ވޯޓު ދީފައިވަނީ ޗައިނާއާ ދެމެދު އޮތް ގުޅުން ބޭއްވުމަށް މޭޔަރ ގެންގުޅެމުންދާ ސިޔާސަތުތަކާ ދެކޮޅަށެވެ. ނެދަލެންޑްސްގެ ޕާޓީތަކުގެ މެޖޯރިޓީން ވޯޓު ދީފައިވަނީ މިހާރުން މިހާރަށް ޗައިނާއާ ދެމެދު އޮތް ގުޅުން ކަނޑާލުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަހަރެމެން ގަބޫލުކުރަނީ ޗައިނާގެ ބޮޑު ސަރަހައްދެއްގައި އިންސާނިއްޔަތާއި ދެކޮޅު އަމަލުތައް ހިންގަމުންދާ ކަމަށް. އަދި ޗައިނާގައި އުއީގާ މީހުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަމަށް" މަޝްވަރާގެ ތެރެއިން ސިޔާސީ ޕާޓީއަކުން ބުނެފައިވެއެވެ.

އުއީގާ މުސްލިމުންނާ ދޭތެރޭގައި ޗައިނާ ސަރުކާރުން ކަންތައް ކުރަމުން ދާ ގޮތް އެއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ލޭބަލް ކުރަން ޖެހޭ ކަމަށް ޑަޗް ޕާލިމެންޓުން ވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"މީގެ ތެރޭގައި އުއީގާ މުސްލިމުންނަށް ކުރާ ފުރައްސާރަ ހިމެނޭ" ޑަޗް ޕާލިމެންޓުގެ މެމްބަރަކު ބުނެފައިވެއެވެ.

އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ ގުރޫޕުތަކާއި، އުއީގާ މުސްލިމުން އަދި މޮންގޯލިއަން ފަދަ ގުރޫޕުތަކުން ޗައިނާއާ ދެކޮޅަށް އެއްވެ ޗައިނާ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަންނަނީ އަޑު އުފުލަމުންނެެވެ. އަދި ދުނިޔޭގެ ހުރިހާ ކޮމިއުނިޓީ ތަކަކުން 2022ވަނަ އަހަރު ބެއިޖިންގް ވިންޓާ އޮލިމްޕިކް ގޭމްސް ބައިކޮޓް ކުރުމަށް ވަނީ ގޮވާލައިފައެވެ.