ދުވާލަކު 20،000 މީހުންނަށް އުމްރާ ވުމުގެ ފުރުސަތު ދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ސައުދީ އޮފިޝަލުން ވިދާޅުވެފައިވަނީ މިމަހުގެ ފަހުކޮޅުގައި އުމްރާގެ އަޅުކަމަށް އަންނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން އެގައުމުން ނިންމާފައިވާ ކަމަށެވެ.

ސައުދީގެ ހައްޖު އާއި އުމްރާގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް ފައްތާހު އަލް މަޝަތް ވިދާޅުވީ، އުމްރާގެ އަޅުކަން އަދާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ހިނގާ ޒުލްހިއްޖާ މަހުގެ 15 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

"އެންމެ ފުރުތަމަ އެ ފުރުސަތު ދެވޭނީ ކޮންމެ ދުވަހަކު 20،000 މީހުންނަށް. އޭގެ ފަހުން މީހުން އިތުރު ކުރާނީ" ސައުދީގެ އަލް އަރަބިޔާ ނޫހަށް މައުލޫމާތު ދެމުން ފައްތާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ މައްކާގެ ހާލަތާއި ސައުދީ އަރަބިއްޔާގެ ހާލަތައް ރިއާޔަތްކޮށް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އެ ފުރުސަތު ހުޅުވާލާފައިވަނީ މަދު ބަޔަކަށެވެ.

އެގޮތުން އޮކްޓޯބަރ ހަތަރު ވަނަ ދުވަހު 6،000 މީހުންނަށް އުމްރާ ވުމަށް ފުރުސަތު ދީ، އެމަހުގެ 18 ގައި 10،000 މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޭގެ ފަހުން ނޮވެމްބަރު މަހުގެ ތެރޭގައި އެގައުމުން ވަނީ 20،000 މީހުންނަށް އުމްރާ ވުމުގެ ފުރުސަތާއި އަޅުކަމަށް 60،000 މީހުންނަށް ފުރުސަތު ދީފައެވެ.

އުމްރާގެ އަޅުކަމަށް އެންމެ ގިނަ މީހުން ރަމަޟާން މަހު ދާއިރު، މިފަހަރު ކޮވިޑް-19 އާއި ގުޅިގެން އުމްރާގެ އަޅުކަމަށް ގޮސްފައިވަނީ މަދު ބައެކެވެ. އެހެން ނަމަވެސް މިދިޔަ ރަމަޟާން މަހު ސައުދީން ވަނީ އުމްރާގެ އަޅުކަމަށް 50،000 މީހުންނަށް ފުރުސަތު ދީ، އަޅުކަމަށް 100،000 މީހުންނަށް ކޮންމެ ދުވަހަކު ފުރުސަތު ދީފައެވެ.