ކޮވިޑުން އަރައިގަތުމަށް މެލޭޝިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއާއިން ނިންމައިފިއެވެ.

ސައުދީގެ އެސްޕީއޭ ނޫހުން ރިޕޯޓު ކޮށްފައިވާގޮތުން ސައުދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ސިއްހީ ގޮތުން މެލޭޝިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަޖެންސީ މެޑިކަލް ސަޕްލައިއަށް އޯޑަރު ކޮށްފައި ކަމަށެވެ. ސައުދީ އަރަބިއާއިން މެލޭޝިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވަނީ އެގައުމުގެ ހާލަތު ގޯސްވެ، މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް ވުރެ އިތުރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު 8،000 އާ ގާތް ކޮށްފައިވަނިކޮށެވެ.

އެސްޕީއޭ ނޫހުން މައުލޫމާތު އާންމު ކޮށްފައިވާ ގޮތުން ސައުދީ އަރަބިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވަނީ މެލޭޝިއާގެ ފޮއިން މިނިސްޓަރ ހިޝާމުއްދީން ހުސެއިން ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ކުރެއްވި ފޯނު ކޯލެއްގައި އެހީތެރިކަމަށް އެދިލެއްވުމުން ކަމަށް ބުނެފައިވެެއެވެ.

މެލޭޝިއާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެނީ ސަލްމާންގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ 'ކޭއެސްރިލީފް' ފަންޑުންނެވެ. އެ އެހީތެރިކަމުގެ ތެރޭގައި ކޮވިޑުން ދިފާއުވުމަށް އެއް މިލިއަން ޑޯޒް ވެކްސިނާއި، މެޑިކަލް އިކުއިޕްމެންޓްސް އާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންކުރާ އާލާތްތައް ހިމެނެއެވެ.

މެލޭޝިއާގެ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންނެވެ. އެގައުމުން ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، މިހާރު ދުވާލަކު 15،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވާކަން ފާހަގަ ކޮށްލެވެެއެވެ. އެގައުމުގެ ހާލަތު މިވަރަށް ގޯސްވެފައިވަނީ ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ގައުމު ފުރަބަންދު ކޮށްފައިވަނިކޮށެވެ.