އިސްރާއީލު ގަދަބާރުން ވެރިވެގަނެ ޔަހޫދީން ވަޒަންވެރި ކުރުވައިގެން އުޅޭ ފަލަސްތީނުގެ ބިންތަކުގައި އައިސް ކްރީމް ނުވިއްކުމަށް އެމެރިކާގެ މަޝްހޫރު "ބެން އެންޑް ޖެރީސް" ކުންފުނިން ނިންމާ މިިދިޔަ ހަފްތާގެ ހޯމަ ދުވަހު އެކަން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއިލުގެ ބާރު ފޯރާ ސަރަހައްދުގައި އައިސްކްރީމް އުފައްދައި، އެ ވިއްކަމުންދާ ފަރާތްތަކާއި އެކުގައި ދިގު މުއްދަތަކަށް ވެފައިވާ އެއްބަސްވުމެއްވާ ކަމަށެވެ. ނަމަވެސް، އަންނަ އަހަރު އެ އެއްބަަސްވުމުގެ މުއްދަތު ހަމަވުމުން އިތުރަށް އެއްބަސްވުން އާ ނުކުރާނެކަން އަންގާފައިވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ބެން އެންޑް ޖެރީސް" މަޝްހޫރު ވެފައިވަނީ އައިސްކްރީމްގެ ޗަންކީ ފްލޭވާސް ތަފާތުވެފައި މީރު ކަމުންނެވެ. ދުނިޔޭގައިވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މި ކުންފުންޏާއި ދެކޮޅަށް އިސްރާއިލާއި އެމެރިކާ ސަރުކާރުން ވެސް އަންނަނީ ބަސް ބުނަމުންނެވެ. އެ ކުންފުނިން އިސްރާއީލުގެ ޔަހޫދީ އިސްތިއުމާރީ އަވަށްތައް ބޮއިކޮޓް ކުރުމަށް ނިންމި ނިންމުމާއި ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރިކަމުގެ ދިފާއުގައި އެމެރިކާ ސަރުކާރުންވެސް ވަނީ ތެދުވެފައެވެ.

"އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސައަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކެއްކަން އދގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނޫތަކުން ހެކިދޭ. ކަން މިހެން އޮއްވާ އެ ބިންތަކަށް ދާއިމީ ގޮތެއްގައި އިސްރާއިލުން ވެރިވެގަނެ ބާރު ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ބެން އެންޑް ޖެރީސް އިން އެމެރިކާ ސަރުކާރަށް ރައްދުދީ ނެރުނު ބަޔާނުގައި ބުނެފައިވެެއެވެ.

އިސްރާއިލްގެ ފޮރިން މިިނިސްޓަރ ޔައީރު ލަފީދް ބުނެފައި ވަނީ އެމެރިކާގެ މަޝްހޫރު ވިޔަފާރި ކުންފުންޏަކުން ހުޅަނގު އައްސޭރިއާއި އެތަނުގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތައް ބޮއިކޮޓް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި "ބެން އެންޑް ޖެރީސް"ގެ މި އަމަލަކީ އިސްރާއީލު ބޮއިކަޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ ބީޑީއެސް (ބޮއިކަޓް، ޑިސްއިންވެސްޓްމަންޓް އެންޑް ސެންކްޝަންސް) ހަރަކާތާއި ގުޅިފައިވާ ކަމެއްކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ބުނީ 'ބެން އެންޑް ޖެރީސް'ގެ ނިންމުމަކީ ފާޅުގައި އިސްރާއިލާ ޒާތީ ވެގެން ކޮށްފައިވާ ކަމެއް ކަމަށާއި. މިކަމާއި ގުޅިގެން މަޑުން ނުތިބޭނެ ކަމަށެވެ.

އިސްރާއީލްގައި މުދާ ވިއްކާ ކުންފުނިތައް ބޮއިކޮޓް ކުރަން އަރަބި ގައުމުތަކާއި އަދި ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގައި ކުރިއަށް ގެންދާ ކެމްޕޭންތަކުގެ ސަބަބުން ބެން އެންޑް ޖެރީސްއަށް ވެސް މާލީ ގެއްލުންތައް ލިބެއެވެ. ނަމަވެސް އެކުންފުނީގެ ނިންމުމުގެ ސަބަބުން ބޮއިކޮޓް ކެމްޕޭންތަކުން އެކުންފުނި ސަލާމަތް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ނޯވަން ކެއަރ ސް

    4
    4