މިހާތަނަށް އެއްވެސް ބޭހަކަށް ނުގުޑާ ފަރުވާ އެއް ހޯދިފައި ނުވާ ފަންގަސްއެއް އެމެރިކާގައި ފެތުރެން ފަށައިފިއެވެ.

އެމެރިކާގެ ސިއްހީ މާހިރުން ބުނެފައިވާ ގޮތުގައި "ކެންޑިޑާ އައުރިސް" އެންމެ ފުރަތަމަ ފެނިފައިވަނީ އޭޝިއާގެ ސަރަހައްދުން 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭރު ފަންގަސް އާއި ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގުނު ނަމަވެސް ސައިންސްވެރިން ވަނީ މި ފަންގަސް އާއި ބެހޭ މައުލޫމާތު ހޯދާފައެވެ.

އެގޮތުން ސައިންސްވެރިން ބުނީ، މި ފަންގަސް ފެތުރެމުން އަންނަނީ އެމެރިކާގެ ހޮސްޕިޓަލް ފަދަ ތަންތަނުގައި ކަމަށާއި އެތަނުގައި ތިބޭ ބަލި މީހުންގެ ގައިން ގަޔަށް ފަންގަސް ފެތުރޭ ކަމަށެވެ.

އޭގެ ތެރެއިން ވެސް އެންމެ ގިނައިން ބަލި ޖެހިފައި ތިބީ އިތުރު ބަލި ތަކަށް ބޭސްފަރުވާ ކުރަމުން އަންނަ މީހުންނަށް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

"މިއީ މި ބަލި އެކި މީހުންގެ ގައިން ގަޔަށް އަރަން ފެށި ފުރަތަމަ ފަހަރު." އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރޭ ކަމަށް ބުނެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑޮކްޓަރެއް ކަމަށްވާ މޭގަން ލައިމަން ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، "ކެންޑީޑާ އައުރިސް" އަކީ ހޮސްޕިޓަލްތަކުގައި ތިބޭ ބަލި މީހުންނަށް ނުރައްކާވާ ފަދަ ބައްޔެއް ކަމަށާއި އެފަންގަސްގެ ސަބަބުން އިންސާނާގެ ލެއާއި، ސިކުނޑި އަދި ހިތަށް އަސަރުކޮށްފިނަމަ، އެއްވެސް ބޭހަކުން ފަރުވާއެއް ނުދެވޭނެ ކަމަށެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން ފަދަ ކަންކަން ހިމެނެއެވެ.

އެމެރިކާގެ ވޮޝިންޓަނާއި ޓެކްސަސް އިން މި ބަލި ޖެހުނު ފަސް މީހުންގެ ތެރެއިން ތިން މީހަކު ޓެކްސަސް އިން މަރުވެފައިވާއިރު، ވޮޝިންޓަނުން އެކަކު ވަނީ މަރުވެފައެވެ.