ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީނުވުމަކާއި ނުލައި ސިންގަޕޫރަށް ދެވޭނެ ގޮތް ހަމަ ޖެއްސުމުގެ މަސައްކަތް އެގައުމުން ފަށައިފިއެވެ.

އެގައުމުގެ ސަރުކާރުން ބުނީ، އެގައުމުގެ 80 އިންސައްތަ މީހުންނަށް ވެކްސިން ފުރިހަމަ ކުރެވެމުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަރަންޓީނުވުމަކާއި ނުލައި ދަތުރު ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެގައުމުން ބުނެފައިވަނީ ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކާއި ސަރަހައްދުތަކާއި ގުޅިގެން ދަތުރު ކުރުމުގެ ކަންކަން ހަމަ ޖައްސާނެ ކަމަށެވެ. އެގޮތަށް ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކުން ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ކަމަށާއި އެހެން ނޫންނަމަ ގޭގައި އެކަހެރިކޮށް އުޅުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ގޮތަށް ހަމަ ޖައްސަމުން އަންނައިރު، އެގައުމުން އަންނަނީ ކޮވިޑް އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަންނަ މަހުން ފެށިގެން ލުއިތައް ދިނުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

"ލުއިތައް ދެވޭނީ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް. އެއީ އެފަރާތްތަކަށް ރައްކާތެރިކަން އޮންނާނެތީ. ބޭރަށް ކާންދާން ނުވަތަ ޖިމަށް ދާން ބޭނުން ނަމަ ވެކްސިން ފުރިހަމަ ކުރަންވާނެ" އެގައުމުގެ ފިނޭންސް މިނިސްޓަރ ލޯރެންސް ވޮންގް ބުނެފައިވެއެވެ.

އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަށް ވަރުގަދަ ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން ރެސްޓޯރެންޓްތައް ބަންދުކޮށް، ދެ މީހުންނަށްވުރެ ގިނަ މީހުން ގްރޫޕު ހަދާލާފައި ނޫޅެވޭނެ ގޮތް ވަނީ ހަދާފައެވެ.

ސިންގަޕޫރުން މިހާތަނަށް 63،314 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައި ތިބީ 1،672 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.