ކޮވިޑް-19 އަށް ވެކްސިން އުފެއްދި، އަދި އެތައް މިލިއަން ބަޔަކަށް ވެކްސިން ދެވުނު ނަމަވެސް އަދިވެސް ގިނައީ ވެކްސިން ނުޖެހޭ މީހުންނެވެ. މިހާރު ވެކްސިން ޖެހެމުންދާ ސްޕީޑަށް ބަލާއިރު ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް އަދިވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަވާނެ ކަމަށް ބެލެވެއެވެ. ވެކްސިނާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުންނާއި އަދި ވެކްސިން ޖަހަން ބައެއް މީހުން ޖެހިލުން ވާތީ ވެކްސިން ނޫން ހައްލެއް ކޮވިޑަށް ހޯދުން އެއީ ސައިންސްވެރިންގެ ވަރަށް ބޮޑު އުއްމީދެކެވެ.

މިހާރު ވެސް ވަރަށް ގިނަ ކުންފުނިތަކުން ގެންދަނީ ވެކްސިން ނޫން ހައްލެއް ކޮވިޑަށް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެއްކުންފުންޏަކީ ސްވިޑިންގެ ސްޓާޓްއަޕެއް ކަމަށްވާ އައިއެސްއާރް އެވެ. އިކޮނޯވާ އާއި ގުޅިގެން އައިއެސްއާރް އިން އުފެއްދޭތޯ މަސައްކަތް ކުރަމުން އަންނަނީ "ފުއްކޮޅެއްހެން ހުންނަ ވެކްސިނެކެވެ."

މިއުފެއްދުމަށް އައިއެސްއާރް އިން ދީފައިވާ ނަމަކީ "ޕައުޑާ ވެކްސިންއެވެ." މިވެކްސިން ނުވަތަ ބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ސްވިޑިންގެ އެންމެ ނަން މަޝްހޫރު އެއް މެޑިކަލް ޔުނިވަސިޓީ ކަމަށްވާ ކަރޮލިންސްކާ އިންސްޓިއުޓްގެ ޕްރޮފެސަރެއް ކަމަށްވާ އޮލާ ވިންކްއެސްޓް އެވެ.

މިވެކްސިން އަޅާފައި ހުންނަނީ ކުޑަކުޑަ އިންހޭލާއަކަށެވެ. ކުޑަކުޑަ ހާއްސަ ޑިވައިސް އަނގައަށް ކޮއްޕާލުމަށް ފަހު އެތެރެއަށް ދަމާލުމުން ވެކްސިން ބޭނުން ކުރެވުނީއެވެ. ނުވަތަ "ވެކްސިން ޖެހުނީއެވެ."

ވެކްސިން އުފައްދާ ކުންފުނިން ބުނާ ގޮތުގައި މިވެކްސިން ބޭނުން ކުރުމަށް ސިއްހީ ހިދުމަތްތެރިއެއްގެ އެހީއެއް ބޭނުމެއް ނުވާނެއެވެ. އަދި އާއްމު ގޮތެއްގައި ވެކްސިން ރައްކާ ކުރުމަށް ބޭނުންކުރާ ކަހަލަ ފިނިކުރާ ނިޒާމެއް ވެސް ބޭނުމެއް ނުވާނެއެވެ. މިވެކްސިންގެ އަގު ވެސް ހެޔޮ ވާނެއެވެ. އެހެންކަމުން މިއީ އެކަހެރި، އަދި ފަގީރު ސަރަހައްދުތަކަށް ވަކިން ހާއްސަކޮށް ފަސޭހައިން ފޯރުކޮށްދެވޭނެ ވެކްސިނަކަށް ވާނެއެވެ.

މިވެކްސިންގެ އެންމެ ފުރަތަމަ ތަހްލީލްތައް މިހާރު ވަނީ ލެބޯޓްރީގައި ކުރިއަށް ގެންގޮސް ނިންމާފައެވެ. އެތަހްލީލްތަކުގެ ނަތީޖާ ރަނގަޅު ވެފައިވާތީ މިހާރު އިންސާނުން ބޭނުން ކޮށްގެން ތަހްލީލްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެކަމަށް ބޭނުންވާ ފަންޑް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ވެކްސިން އުފައްދާ ކުންފުނިން ބުނެއެވެ.

ވެކްސިން އުފައްދާ ކުންފުނިން އުއްމީދު ކުރަނީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި މިވެކްސިން އާއްމުކޮށް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު