އެމެރިކާގައި ވެކްސިން ފުރިހަަމަ ކުރި މީހުން ނިސްބަތުން މަދު ސަރަހައްދުތަކުގައި އިންޑިއާ އިން އެންމެ ފުރަތަމަ ދެނެގަނެވުން ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް އަންނަނީ ފެތުރެމުންނެވެ. މިކަމާ ގުޅިގެން އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒެސްގެ އިސް ތަޖުރިބާކާރު، ޑރ.އެންތަނީ ފައުޗީ ވިދާޅުވީ މިހާރު އެގައުމުގެ ހާލަތު މިދަނީ ނުބައި މިސްރާބަކަށް ކަމަށެވެ.

މި ދަނޑިވަޅުގައި ވެސް އެމެރިކާއިން ވަނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން މާސްކު އެޅުމުގައި ލުއި ދިނުމާއި، ވިޔަފާރިތައް އަލުން ހުޅުވުމަށް ހުއްދަ ދިނުމާއި ދަތުރު ކުރުމަށް ވެސް ވަނީ ލުއިތަކެއް ދީފައެވެ.

އިއްޔެ ޑިޕާޓްމެންޓް އޮފް ވެެޓެރަންސް އިން ބުނީ ސިއްހީ ހިދުމަތުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އެހެން މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން މުހިންމު ކަމަށެވެ. އަދި އެއީ އެ ސަރަހައްދުގެ މީހުން ރައްކާތެރިކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.

އެމެރިކަން ނާސް އެސޯސިއޭޝަން އާއި އެމެރިކަން މެޑިކަލް އެސޯސިއޭޝަން ހިމެނޭހެން 50 ޖަމުއްޔާއެއް ގުޅިގެން އިއްޔެ ވަނީ ސިއްހީ ހިދުމަތުގައި ނުކުންނަ ފަރާތްތަކަށް ވެކްސިން ދިނުމަށް އެކަށީގެންވާ ޕްރޮގްރާމެއް އެކުލަވާލުމަށް ގޮވާލައިފައެވެ. އަދި އޭގެ އިތުރުން ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެ ޖަމުއްޔާތަކުން އެދިފައިވެއެވެ.

އެ ގައުމުން އިއްޔެ ވެސް 88،696 މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 273 މީހަކު ބަލީގައި މަރުވެފައިވެއެވެ.