ބަންގްލަދޭޝްގައި ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، ބައެއް މީހުން މަރުވެ ރިކޯޑެއް ހަދައިފިއެވެ.

ރިކޯޑު އަދަދަކަށް މީހުން ފައްސިވެ ބަލީގައި މަރުވެފައިވަނީ ކޮވިޑް ވޭދަނަތައް އިތުރުވަމުންދާތީ ގައުމު ފުރަބަންދުކޮށް، ކޮވިޑާ ދެކޮޅަށް އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބަންގްލަދޭޝް ސަރުކާރުގެ ސިއްހީ ދާއިރާގެ ޑިރެކްޓަރު ޖެެނެރަލް އިއްޔެ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 15,192 މީހުން ކޮވިޑަށް ފައްސިވެ، 247 މީހަކު ބަލީގައި މަރުވެ ރިިޕޯޓު ކޮށްފައިވާ ކަމަށެވެ. މިއާއެކު މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,179,827 އަރައިފައެވެ. އަދި މިއާއެކު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 19,521 އަށް އިތުރުވެފައެވެ.

ގައުމު ފުރަބަންދުކޮށްފައިވީ ކަމުގައި ވިޔަސް ބަންގްލަދޭޝްގައި އީދާ ގުޅުވައިގެން ވަނީ ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ދީފައެވެ. އޭގެ ސަބަބުން ސިޓީތަކުގައި ދިރިއުޅެމުންދިޔަ މީހުން އެމީހުން އުފަން ވިލެޖުތަކަށް ދަތުރުކުރަން ފެށިއެވެ. ރިޕޯޓުތައް ބުނާ ގޮތުން އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހާއި ހިސާބަށް ޝޮޕިންގް މޯލްތަކާއި އޮފިސްތައް ބަންދުކުރުމުގެ ކުރިން 10،000 މީހުން ވަނީ ވިލެޖުތަކަށް ދަތުރުކޮށްފައެވެ.

މިހާރު އެގައުމުގެ ހާލަތައް ބަލާއިރު ހޮސްޕިޓަލްތަކުގެ 90 އިންސައްތަ ވަނީ ފުރިފައެވެ. އަދި ސިއްހީ ނިޒާމް ބަލިކަށިވުމުން އަރައިގަތުމުގެ ގޮތުން އިތުރު 4،000 ޑޮކްޓަރުން ހިމެނޭހެން 8،000 ސިއްހީ ހިދުމަތްތެރިން މަސައްކަތުގެ މާހައުލަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފައިވެއެވެ.

އެގައުމުގައި މިހާރު ވެކްސިން ފުރިހަމަ ކޮށްފައިވަނީ 2.6 އިންސައްތަ މީހުންނެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ވެކްސިން ޕްރޮގްރާމްތައް ހަރުދަނާކަމާއި އެކު ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.