ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލުމާއި ގުޅިގެން ރައީސްގެ ހަށިފާރަވެރިންގެ ޓީމުގެ ވެރިޔާ ހައްޔަރު ކޮށްފިއެވެ.

އެ ގައުމުގެ ފުލުހުން ބުނީ ރައީސްގެ ހަށިފާރަވެރިންގެ ޓީމުގައި ވެރިޔަކަށް ހުންނެވި ޖީން ލަގުއެލް ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތް ދުވަހު ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއި ގުޅިގެން ހިންގަމުންދާ ހާއްސަ ތަހުގީގް އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

ޖީން ލަގުއެލް ހައްޔަރު ކޮށްފައިވަނީ މޮއިސް އަވަހާރަކޮށްލުމުގައި އޭނާގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނީ ލަގުއެލްއަށް މިފަދަ ތުހުމަތެއް ކުރެވެނީ އަމިއްލަ ގެކޮޅުގައި ރައީސް ހުންނަވަނިކޮށް ހަށިފާރަވެރިންނަށް ބަޑި ނުޖެހި އެ ގެއަށް މޫނު ނިވައިކޮށްގެން ބަޔަކު ވަދެ ރައީސް އަވަހާރަކޮށްލުމުން ކަމަށެވެ.

އޭއެފްޕީ ނޫހަށް މައުލޫމާތު ދެމުން ހެއިޓީ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ޖީން ލަގުއެލް ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. ލަގުއެލްގެ އިތުރުން މިހާތަނަށް މި މައްސަލައިގައި ހައްޔަރުގައި 12 މީހަކު ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން މޮއިސްގެ ސެކިއުރިޓީގައި ހިމެނޭ ހަތަރު ފުލުހަކު ގައުމުން ފުރައިގެން ދިޔުން ވަނީ މަނާކޮށްފ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ހައްޔަރު ކުރަން ވަނީ އަމުރެއް ނެރެފައެވެ. މޮއިސް އަވަހާރަކޮށްލަން މެދުވެރިވި ސަބަބަކާއި، ހަމަލާގެ މޭސްތިރިއަކީ ކާކުކަން އަދިވެސް ހޯދިފައެެއް ނުވެއެވެ. ނަމަވެސް، އެގައުމުގެ އާ ބޮޑުވަޒީރު އެރިއެލް ހެންރީ ވަނީ މޮއިސްގެ މަރާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައި، އިންސާފު ހޯދައިދޭނެކަމަށް ވައުދުވެފައެވެ.

ހެއިޓީގެ ފުލުހުން ބުނި ގޮތުގައި މޮއިސް އަވަހާރަކޮށްލި ހަމަލާގައި ބައިވެރިވީ 28 މީހެކެވެ. އެއީ ކޮލޮމްބިއާގެ 26 މީހަކާއި ހެއިޓީ އާއި އެމެރިކާގެ ރަށްވެހިކަން އޮތް ދެ މީހެކެވެ.