އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑްގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާންގެ ސަރުކާރުން ބުނީ އެގައުމުން ހައްޔަރުކުރި މޮސާޑްގެ އެޖެންޓުންގެ އަތުން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ވެސް ފެނިފައެވެ. އެމީހުންގެ އަތުން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި އެކި ވައްތަރުތަކުގެ ބަޑިއާއި، ގްރެނޭޑް ފަދަ ތަކެތި ވެސް ހިމެނެއެވެ. މޮސާޑްގެ އެޖެންޓުން ހައްޔަރު ކޮށްފައި ވަނީ އީރާންގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަން އުޅެނިކޮށް ކަމަށް ވެސް އީރާނުން ބުނެއެވެ.

އީރާންގެ ބައެއް ސަރަހައްދުތަކަށް ފެން ލިބުމުގައި ދަތިތައް ކުރިމަތިވެގެން އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ މިހާރު ހަފްތާތަކެއް ވެއްޖެއެވެ.

މޮސާޑްގެ އެޖެންޓުން ކަމަށް ބުނެ ހައްޔަރުކުރި މީހުންގެ އަދަދެއް، އަދި އެމީހުން ނިސްބަތްވާ ގައުމެއް ވެސް އީރާނުން ނުބުނެއެވެ. ނަމަވެސް އީރާން ސަރުކާރުން ބުނީ އެމީހުން ހައްޔަރުކުރީ އީރާންގެ ހުޅަނގު ބޯޑަރު ކައިރިން ކަމަށެވެ. އީރާންގެ ހުޅަނގުން އެގައުމާއި ތުރުކީ އަދި އިރާގު އޮންނަނީ ގުޅިފައެވެ.

އީރާންގެ ނިއުކްލިއާ ހަކަތަ އުފައްދާ ކާރުހާނަތަކަށާއި އީރާންގެ ސައިންސްވެރިންނަށް އަމާޒުކޮށް މީގެ ކުރިން ވެސް އެތައް ހަމަލާއެއް އިސްރާއީލްގެ މޮސާޑުން ދީފައިވާ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. އެފަދަ ގިނަ ތުހުމަތުތައް އިސްރާއީލުން ދޮގެއް ވެސް ނުކުރެއެވެ.

މޮސާޑަކީ ދުނިޔޭގައި އޮންނަ އެންމެ ނުރައްކާތެރި އެއްޖާސޫސީ އިދާރާއެވެ. މޮސާޑުން އިސްރާންގެ ސައިންސްވެރިންނާއި ސިޔާސީ ލީޑަރުންގެ އިތުރުން ފަލަސްތީންގެ ލީޑަރުން އަވަހާރަކޮށްލަން ވެސް އެތައް ހަމަލާއެއްދީ ގިނަ ހަމަލާތައް ކާމިޔާބު ވެސް ކޮށްފައި ވެއެވެ.